ސްކޫލް ކުދިންގެ ލަވަ މުބާރާތް މިއަދު ފަށަނީ

ޓީވީ މޯލްޑިވްސް އިން ގެނެސްދެމުން އައި ސްކޫލު ކުދިންގެ ލަވަ މުބާރާތް މިއަދު ހަވީރު ފަށާނެ ކަމަށް އެޓީވީން ބުނެފި އެވެ.
މީގެ 27 އަހަރު ކުރިން ފެށިގެން ޓީވީ މޯލްޑިވްސް އިން ގެނެސްދެމުން ގެންދިޔަ މި މުބާރާތް ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ފަށާފައި ވަނީ މިދިޔަ އަހަރު އެވެ.
ޓީވީއެމް ސްކޫލު ކުދިންގެ ލަވަ މުބާރާތުގެ ނަމުގައި މީގެކުރިން މުބާރާތް ގެނެސްދިން ނަމަވެސް އަހަރުން ފެށިގެން މުބާރާތް ކުރިއަށް ގެންދާނީ އެމްބީސީ ސްކޫލު ކުދިންގެ ލަވަ މުބާރާތުގެ ނަމުގައި އެވެ.
މިފަހަރުގެ މުބާރާތުގައި މާލޭގެ 14 ސްކޫލަކުން މި މުބާރާތުގައި ޖުމްލަ 211 ކުދިން ބައިވެރިވާނެ އެވެ. އޭގެ ތެރެއިން 120 ކުދިން ލަވަ ކިޔާނީ ވަކިވަކިންނެވެ. މި މުބާރާތް ކުރިއަށް އޮތް ތިން ދުވަހު ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު މި ހުރިހާ ކުދިން ވެސް ލަވަ ކިޔުމަށް ހަމަޖެހިފައިވަނީ ލައިވްކޮށެވެ.
އަދި މި މުބާރާތް ޓީވީއެމްއިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ހަވީރު 4-6 އަދި 8-11 އަށް ލަވަތައް ގެނެސްދޭއިރު މުބާރާތުގެ ފައިނަލް އޮންނާނީ މި މަހު 29ގަ އެވެ.
މި މުބާރާތުގައި ފަސް ޕްރީ ސްކޫލުންނާއި ނުވަ ގްރޭޑް ސްކޫލުން އަދި މާލޭ މިއުޒިކް އެންޑް އާޓްސް ސެންޓަރުން ބައިވެރިވާނެ އެވެ.
މި އަހަރުގެ ލަވަ މުބާރާތް ގެނެސްދޭނީ "ރީތި ދިވެހިރާއްޖެ" ތީމްގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ