ރައީސް ވަހީދާއި ގައުމީ އިއްތިހާދު ޕާޓީގެ ހުރިހާ ކައުންސިލް މެންބަރުން ޕީޕީއެމަށް

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ގައުމީ އިއްތިހާދު ކައުންސިލްގެ މެންބަރުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކުރައްވައިފި އެވެ.
މިބޭފުޅުން ޕީޕީއެމަށް ސޮއިކުރައްވާފައިވަނީ ނަސަންދުރާ ޕެލެސް ހޮޓަލުގައި ކުރިއަށްދާ ހާއްސަ ރަސްމިއްޔާތެއްގައި އެވެ.
މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއިރު ރައީސް ވަހީދު ސޮއިކުރައްވާފައިވާ ފޯމާއި ހަވާލުވެވަޑައިގެންނެވީ ރައީސް ޔާމީނެވެ. މި ރަސްމިއްޔާތުގައި ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިން ވެސް ޕީޕީއެމަށް ސޮއިކުރެއްވި އެވެ.
ޕީޕީއެމަށް ސޮއިކުރެއްވި ޕީޕީއެމް އިސް ބައެއް ބޭފުޅުންގެ ތެރޭގައި ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގާއި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރާއި ރައީސް އޮފީހުގެ ކުރީގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދާއި އިލްޔާސް ހުސެއިން އިބްރާހީމާއި ޖައުފަރު އީސާ އާދަމާއި ލަންކާގައި ހުންނަވާ ރާއްޖޭގެ ހައި ކޮމިޝަނަރު ހުސެއިން ޝިހާބު ހިމެނިވަޑައިގަންނަވަ އެވެ.
އަދި ރާއްޖެއިން ބޭރުގައި ތިއްބެވި ގައުމީ އިއްތިހާދު ޕާޓީގެ ކައުންސިލް ބައެއް މެންބަރުން ވެސް ޕީޕީއެމަށް ސޮއިކުރެއްވިކަން މި ރަސްމިއްޔާތުގައި ވަނީ ހާމަކޮށްފަ އެވެ.
ރައީސް ވަހީދު ޕީޕީއެމާއި ގުޅިވަޑައިގެންނެވިއިރު ރައީސް ވަހީދު ނިސްބަތްވެވަޑައިގަންނަވާ ގައުމީ އިއްތިހާދު ޕާޓީ އުވާލަން އެޕާޓީގެ ކައުންސިލުން ރޭ ވަނީ ނިންމާފައެވެ. އެޕާޓީ އުވާލަން ނިންމާފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ވަޑައިގެން އެ މަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އެދުނު ކޮންމެ މަސައްކަތެއް އިހްލާސްތެރިކަމާ އެކު ކޮށްދެއްވާނެ ކަމަށެވެ.
ޕީޕީއެމް ސަރުކާރެއްގައި ރައީސް ވަހީދަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށް އެޕާޓީގެ ކައުންސިލުން މީގެކުރިން ވަނީ ނިންމާފައެވެ. އަދި ރައީސް ޔާމީން ވެސް މީގެކުރިން ވިދާޅުވެފައިވަނީ ރައީސް ވަހީދަށް އެންމެ މަތިވެރި އިހްތިރާމާއި ރައްކާތެރިކަން އަރުއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ