ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކަކުން ދައްކަންޖެހޭ ހަތަރު ލައްކައެއްހާ ރުފިޔާ ނުދައްކަނީސް ހިދުމަތް ދީފައިވާ ކަމަށާއި ފައިސާގެ ކަންކަން ބަލަހައްޓަން އެ މިނިސްޓްރީން ބޭނުން ކުރީ އެކްސެލް ކަމަށް ވުމުން ހިސާބުތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް ރަސްމީ އޮޑިޓަކުން ދައްކައިފި އެވެ.
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ނެރުއްވި ޓޫރިޒަމް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނި ގޮތުގައި ލީސް ޓްރާންސްފާ އުސޫލުން ދޫކޮށްފައިވާ ހަތް ރަށަކުން ދައްކަންޖެހޭ ޖުމްލަ 35،000 ޑޮލަރު (539،350 ރުފިޔާ) އެ އަހަރުގެ ނިޔަލަށް ލިބިފައެއް ނުވެ އެވެ. އެއީ އއ. މަތިވެރި ފިނޮޅާއި ހަތިޔާރު ފެނުނު ބ. ހިބަޅިދު އާއި ލެއިޝާ ބީޗް ކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ ވ. ފޮއްތެޔޮ އަދި ބޮޑުފުއްޓާއި އިޓަލީގެ ބަލްޔޯނީން ތަރައްގީ ކުރަމުން އަންނަ ދ. މާގައު އާއި ބ. ބޮޑުފަރު ފިނޮޅާއި ސޮނޭވާ ޖާނީ ރިސޯޓް ހަދާފައިވާ ނ. މެދުފަރާއި ރ. ފާރަފުއްޓެވެ.
އޭގެ ތެރޭން ގިނަ ރަށްތައް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގައި ހިމެނެ އެވެ. އެ ގޮތުން، ހިބަޅިދު އާއި މާގައު ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކޮށްފައިވާ އިރު، މަތިވެރި ފިނޮޅުން ދައުލަތަށް ލިބެންޖެހޭ ފައިސާ އިން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހުޅުމާލޭން ގަނެފައިވާ ގެއެއް ދައުލަތަށް ނަގައިދޭން ދައުލަތުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
ހިބަޅިދޫ: ފައިސާ ނުދައްކަނީސް ހިދުމަތް ދީފައިވާ ރަށްތަކުގެ ތެރޭގައި އެ ރަށް ހިމެނޭ.
މީގެ އިތުރުން، ލީސް މޯގޭޖުގެ އުސޫލުން ދީފައިވާ ހަތަރު ރަށަކުން ދައްކަންޖެހޭ ޖުމްލަ 40،000 ރުފިޔާ ވެސް ލިބިފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. އެއީ އދ. ތުނޑުފުއްޓާއި ކ. ބޮލިފުއްޓާއި ރ. ދިގައްޔާއި ކ. މާދު އެވެ. އޭގެ ތެރޭން، ބޮލިފުއްޓާއި މާދޫގައި މިހާރު ވެސް ރިސޯޓް ހިންގަމުން އަންނަ އިރު، ދިގަލި ތަރައްގީ ކުރަން ކޮރަލް އެޖް ޕްރައިވެޓް ލިމިޓެޑުން ވަނީ ފަށައިފަ އެވެ.
"... ލިބެންޖެހޭ ފައިސާގެ ތަފްސީލް އެނގޭނެ ފަދަ ގޮތަކަށް މިނިސްޓްރީގެ އާމްދަނީއާ ގުޅޭ ލިޔެކިއުންތައް ބަލަހައްޓާފައި ނެތުމުން، މިނިސްޓްރީ އަށް 2014 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބެން ޖެހެނީ ކިހާ މިންވަރެއް ކަމާއި އޭގެ ތެރޭން ނުލިބި ވަނީ ކިހާ ވަރެއްކަން ޔަގީން ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ،" ރިޕޯޓުގައިވެ އެވެ.
މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ދައުލަތުން ދޭ ހިދުމަތަކަށް ނުވަތަ ވިއްކާ އެއްޗަކަށް ދައްކަންޖެހޭ ފައިސާ މަަސްދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށް ގެންގުޅޭ އުސޫލަކީ ފައިސާ ދެއްކުމުން ނޫނީ ހިދުމަތް ނުދިނުމެވެ.
ބޭނުން މީހަކަށް ހިސާބުތަކާ ކުޅުމުގެ ފުުރުސަތު!
ޓޫރިޒަމް މިނިސްޓްރީ އަށް ވަަންނަ ފައިސާގެ ހިސާބުތައް ބެލެހެއްޓުމަށާއި ފައިސާ ބަލައިގަތުމަށް ފަހު ރަސީދު ދޫކުރުން ފަދަ ކަންކަމަށް ބޭނުން ކުރީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މައިކްރޮސޮފްޓް އޮފީސް އެކްސެލް އެވެ. އޭގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެ، އޮޑިޓަ ޖެނެރަލް ވަނީ ހިސާބުތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.
އެކްސެލް ބޭނުން ކުރުމުން ދިމާވާ މައްސަލަތައް އޮޑިޓަ ޖެނެރަލް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެއީ، އެކްސެލް ޝީޓް ހުޅުވާ ކޮންމެ މީހަކަށް އޭގައި ހުރި މައުލޫމާތުތައް ބަދަލު ކުރުމުގެ ފުރުސަތު އޮތުމާއި ރަސީދު ކެންސަލް ކުރަން ޖެހިއްޖެ ނަމަ އަމަލު ކުރާނެ އުސޫލެއް ނެތުމާއި ރަސީދު ހަދާ ފަހުން އޭގައިވާ މައުލޫމާތު ބަދަލުކޮށްގެން އަލުން ޗާޕުކޮށްފި ނަމަ އެކަން ދެނެގަނެވޭނެ ގޮތެއް ނެތުމެވެ.
"ފައިސާ ބަލައިގަނެ، ރެކޯޑް ކުރަން ބޭނުންކުރާ ސިސްޓަމްގެ ސަލާމަތީ ކަންކަން ފުރިހަމަ ނުވާ ނަމަ އަދި ފަސޭހަ އިން ރެކޯޑުތައް ބަދަލު ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ނަމަ، ނަހަމަ ގޮތުގައި ފައިސާ ބޭނުންކުރުމާއި ފައިސާ މަދުވިޔަސް އެކަން ނޭނގި، ދައުލަތަށް މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ.
ފައިސާ ބަލައިގަތުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓަރު ޒަމީރު (ކ) އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ސޮއިކުރެއްވުމަށް ފަހު އެއްބަސްވުން ބަދަލުކުރައްވަނީ: މިހާރު ޓޫރިޒަމް މިނިސްޓްރީން ފައިސާ ބަލައެއް ނުގަންނާނެ.-- ފައިލް ފޮޓޯ: މީރާ
އޭގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީއަށާއި ރީޖަނަލް އެއާޕޯޓްސް އަށް ބަލައިގަންނަ ފައިސާ ގަވާއިދުން ބޭންކަށް ޖަމާކޮށްފައި ނުވާ މައްސަލަ ވެސް އޮޑިޓަ ޖެނެރަލް ވަނީ ނަންގަވައިފަ އެވެ. އެ ގޮތުން، 19 ރަސީދަކުން މިނިސްޓްރީ އަށް ބަލައިގަތް 50،000 ޑޮލަރު (770،500 ރުފިޔާ) އަދި 50،700 ރުފިޔާ އާއި ދެ ރަސީދަކުން ރީޖަނަލް އެއާޕޯޓްސް އަށް ބަލައިގަތް 129،742 ރުފިޔާ ބޭންކަށް ޖަމާކުރީ، ރިޕޯޓުގައި ބުނި ގޮތުގައި، ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ވަގުތު އޮއްވައި ލިބޭ ފައިސާ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރަން ޖެހެ އެވެ.
ރީޖަނަލް އެއާޕޯޓްސް އަށް 32 މިލިއަން ރުފިޔާ ނުލިބި!
ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ރީޖަނަލް އެއާޕޯޓްސް އަށް 2014ގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ ތެރޭން 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ނުލިބި އެވެ. އެ ފައިސާ ނުލިބި އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
"މީގެ ތެރޭގައި އެންމެ ގިނައީ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން ލިބެންޖެހޭ ފައިސާކަން ވެސް ފާހަގަކުރެވުނެވެ،" ރިޕޯޓުގައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ފައިސާ ބަލައިގަތުމުގައި ގެންގުޅުނު އުސޫލުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އޮޑިޓަކުން ހާމަވި އިރު، 2014 ގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަހުމަދު އަދީބެވެ. ފަހުން ނައިބު ރައީސަކަށް ވެސް ވެވަޑައިގެންނެވި އަދީބު ވަނީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލަ އާއި އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލަތަކެއްގައި ޖުމްލަ 33 އަހަރަށް ޖަލަށް ލައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ފައިސާ ބަލައިގަތުން ހުއްޓާލައި ހުރިހާ ފައިސާއެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ ގޮތަށް މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަމަޖައްސައިފަ އެވެ. ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އޭރު ވިދާޅުވި ގޮތުގައި އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން، ކޮރަޕްޝަން ނުހިނގާނެކަން ކަށަވަރު ކުރަން އެޅި ފިޔަވަޅެކެވެ.
ފައިސާ ނުދައްކާ ރަށްތަކަކަށް ޓޫރިޒަމުން ހިދުމަތް ދިން، ހިސާބު ބެލެހެއްޓީ އެކްސެލް އިން: އޮޑިޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ