އަޅުގަނޑުމެން އެދުނު ކަންތަކެއް އީސީން މިހާތަނަށް ކޮށްނުދޭ: އުމަރު

މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގެ ފައިނަލް ވޯޓާސް ލިސްޓްގެ ސޮފްޓް ކޮޕީއެއް ދިނުމަށް ރަސްމީކޮށް ލިޔުމަކުން އެދިފައިވާ ކަމަށާއި އެކަމަކު މިހާތަނަށް އެކަން ކޮށް ނުދިނުމަކީ އެ ލިސްޓުގައި ޖުމްހޫރީ ޕާޓީން ސޮއިނުކޮށް ލަސްވާ މައިގަނޑު ސަބަބު ކަަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ތަމްސީލު ކުރައްވާ އުމަރު ނަަސީރު މިއަދު ވިދާޅުވެއްޖެ އެވެ. "ހަވީރާ" ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ފައިނަލް ވޯޓާސް ލިސްޓްތަކުގެ ސޮފްޓް ކޮޕީ އިލެކްޝަންސް ކޮމިޝަނުން ޖޭޕީ އަށް ދިނުމާ އެކު، ކުރިން އެ ކޮމިޝަނުން ފޮނުވި ވޯޓާސް ލިސްޓް އަޅާ ކިޔައި މައްސަލައެއް ނެތް ނަމަ ސޮއިކުރަން އެ ޕާޓީ ތައްޔާރެވެ. "އެ ލިސްޓް އަޅުގަނޑުމެންނަށް ލިބުނީމާ ވެރިފިކޭޝަން ހެދޭނީ. އަޅުގަނޑުމެން ބަލަން ބޭނުންވޭ ކުރިން އިލެކްޝަންސް ކޮމިޝަނުން ދޫކުރި ލިސްޓާއި ފައިނަލް ލިސްޓާ ދިމާވޭތޯ؟ ދެ ލިސްޓް އަޅާ ކިޔައި ދެން ނަގާ ލިސްޓެއްގައި އަޅުގަނޑުމެން ސޮއިކުރަން ބޭނުންވަނީ. އެއީ އަޅުގަނޑުމެންގެ ސްޓޭންޑަކީ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފައިނަލް ވޯޓާސް ލިސްޓާއި ކުރިން އިލެކްޝަންސް އިން ދޫކުރި ލިސްޓް އަޅާ ކިޔުމުގެ އިތުރުން 73،000 މީހުން ރީރެޖިސްޓްރީ ސައްހަ ތޯ ބެލުމަށް އޭގެ ފަސް ޕަސެންޓް ފޯމުގައި ޖަހާފައި އިނގިލީގެ ނިޝާންގެ ސައްހަކަން ވެސް ބަލަން ބޭނުންވެ އެވެ. އުމަރު ވިދާޅުވީ ފިންގާޕްރިންޓް ދިމާވޭތޯ ޗެކް ކުރަން ބޭނުންވަނީ ފުލުހުންގެ އޮޓަމޭޓެޑް ފިންގާ ޕްރިންޓްސް ސިސްޓަމްގެ އެހީގައި ކަމަށެވެ. އަދި ހަމައެކަނި ބަލަން ބޭނުންވަނީ ފުލުހުންގެ އަތުގައި މައުލޫމާތު ހުރި މީހުންގެ އިނގިލީގެ ނިޝާނާ ފައިނަލް ވޯޓާސް ލިސްޓާ ދިމާވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ. "އޭގެ ބޭނުމަކީ ރީރެޖިސްޓްރި ފޯމުތަކުގެ ތެރޭގައި ފޭކް ފޯމުތަކެއް އުޅޭތޯ ބެލުން. އަޅުގަނޑުމެން ބޭނުންވަނީ ރެންޑަމްކޮށް ފިންގާޕްރިންޓް ބަލަން،" އުމަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުމެއް ނުވޭ ރައްޔިތުންގެ ހައްގު ގެއްލޭ ގޮތަށް ލިސްޓްގައި ސޮއިކުރާކަށް. އެއީ ލިސްޓް ރަނގަޅަށް ނުބަލައި މިއަދު ވެސް އޭގައި އަޅުގަނޑުމެން ސޮއިކޮށް މާދަމާ އިންތިޚާބު ބާއްވައިފިއްޔާ މައްސަލައެެއް ދިމާވެއްޖެ ނަމަ އެތައް ބައެއްގެ ހައްގަށް އުނިކަން އަންނާނެ. ރެޖިސްޓްރީ ކުރި ތަން ނޫން އެހެން ތަންތަނުގައި މީހުންގެ ނަން ޖަހާފައި ހުރެދާނެ." އުމަރު ވިދާޅުވި ގޮތުގައި ފައިލް ވޯޓާސް ލިސްޓް ކެންޑިޑޭޓުންނަށް ދިނުމަކީ ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ކަމެކެވެ. އަދި އެކަން ކޮށްދިނުމަށް އޭނާ އެ ކޮމިޝަނަށް ގޮވާލެއްވި އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ފާޑުވިދާޅުވަމުން އުމަރު ވިދާޅުވީ ފުއާދު "10 ބުރީގެ އިމާރާތެއް" ހަދަން އުޅުއްވަނީ ޝީޓް ނާޅައި ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވަނ ކުރު މުއްދަތެއްގައި ތެރޭގައި އިންތިހާބު ބާއްވަން ޖެހުމުން ކުރިމަތިވެފައި
ހުރި ދަތިތައް ސިފަކުރައްވައި ފުއާދު ދެއްކެވި ވާހަކަ އަކަށެވެ. ފުއާދު ވިދާޅުވެފައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އިންތިޚާބެއް ބޭއްވުމަކީ 10 ދުވަހުގެ ތެރޭގައި
10 ބުރީގެ އިމާރާތެއް އަޅައި ތަޅުދަނޑި ހަވާލުކުރުން ފަދަ ކަމެއް ކަމަށެވެ.
އުމަރު ވިދާޅުވީ 10 ދުވަހުގެ ތެރޭގައި މަސައްކަތް ނުނިންމޭ ނަމަ ފުއާދު "ކޮންޓްރެކްޓަރު ކައިރި އަށް ގޮސް އިތުރު ވަގުތު ހޯދަން ޖެހޭ" ކަމަށެވެ. "އެކަމަކު އެކަން ކުރައްވާކަށް ފުއާދު ބޭނުމެއް ނުވޭ. ވަގުތު ނެތްކަން ވެސް އެނގިވަޑައިގަންނަވާ. އެކަމަކު ވަގުތު އިތުރު ކުރުމަށް އެދި ދާކަށް ބޭނުމެއް ނުވޭ،" އުމަރު ވިދާޅުވި އެވެ. ފައިނަލް ވޯޓާސް ލިސްޓްތަކުގައި އެމްޑީޕީން ސޮއިކުރަން ފަށާފައިވާއިރު ޖޭޕީގެ އިތުރުން ޕީޕީއެމުން ވެސް ބުނަނީ އެ ލިސްޓުތައް ސައްހަކަން ކަށަވަރުކޮށްފައި ނޫނީ ސޮއިނުކުރާނެ ކަމަށެވެ. އެ ޕާޓީން އެދިފައި ވަނީ ރީރެޖިސްޓްރޭޝަންގެ 10 ޕަސެންޓް ފޯމުގެ އިނގިލީގެ ނިޝާން ޗެކް ކުރުމަށެވެ. މިދިޔަ މަހު ބޭއްވި އިންތިޚާބު ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި
ވަނީ އެންމެ ފަހުގެ ވޯޓާސް ލިސްޓުގައި އިލެކްޝަންސް ކޮމިޝަނާއި
ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށް އިނގިލީގެ ނިޝާން
ޖަހަން ޖެހޭނެ ކަމަށެވެ. އެކަން އެހެން ކުރަނީ އެ ނޫން އެހެން ލިސްޓެއް
އެއްވެސް ދާއިރާއެއްގައި ބޭނުން ނުކުރެވޭނެކަން ކަށަވަރު ކުރުމަށް ކަމަށް
ވެސް ހުކުމްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ