ގާސިމް ހައްޔަރު ކުރި މައްސަލަ ކޯޓަށާއި އެޗްއާރްސީއެމް އަދި ފުލުހަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކޮށްފައިވަނީ އެއްވެސް ގާނޫނީ ހަމައެއް ނެތި ގާނޫނާ ހިލާފަށް ކަމަށް ބުނެ، ގާސިމް ގެ ގާނޫނީ ވަކީލްގެ ޓީމުން ކްރިމިނަލް ކޯޓަށާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އަށް ހުށައަޅައިފިއެވެ.
މި މައްސަލަ ހުށައަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ގާސިމް ގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ، ކްރިމިނަލް ކޯޓަށް މައްސަލަ ހުށައެޅުއްވީ ގާސިމް ބަންދު ކުރުމާއި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގާނޫނާ ހިލާފަށް އަމުރު ނެރެފައިވާތީ ކަމަށެވެ. ހިސާން ވިދާޅުވީ ހައްޔަރު ކުރުމަށް އެދެން ޖެހޭނީ ޕީޖީއިން ކަމަށް ވީނަމަވެސް ގާސިމް ހައްޔަރު ކުރުމަށް އަމުރަށް އެދިފައި ވަނީ ފުލުހުން ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށައެޅީ ގާސިމް ހައްޔަރު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށްވާތީ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އެޗްއާރުސީއެމަށް މައްސަލަ ހުށަހަޅާފައިވަނީ ގާނޫނާ ހިލާފަށް ގާސިމް ހައްޔަރުކޮށްފައިވާތީ ގާސިމްގެ ގެއްލެމުންދާ ހައްގުތައް ކަށަވަރު ކޮށް ދިނުމަށް އެދި ކަމަށް ހިސާން ވިދާޅުވިއެވެ.
މީގެއިތުރުން ހިސާން ވިދާޅުވީ، ފުލުހުން ޒިންމާތަކާއި ވާޖިބުތައް އަދާކުރަން ޖެހޭނީ ގާނޫނު ތަކުން ކަނޑައަޅާފައިވާ ގޮތަށް ކަމަށެވެ.
ގާސިމް ހައްޔަރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ލުމުގައި  ގާސިމް ބޭނުން ކޮޅަކަށް އަނބުރާލުމަށްޓަކައި މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެއެވެ.
މީގެ އިތުރުން ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން، މަސައްކަތް ކުރުމާއި ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ، ސަރުކާރު ގާނޫނާއި ގަވާއިދާއި ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭފަދަ، އަމަލުތަކެއް ކުރާކަމަށް ވެސް ގާސިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެހެންކަމުން ގާސިމް ހައްޔަރުކުރީ މި މައްސަލަތަކުގެ، ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް، ފެންނާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ