މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ނުދެއްވީތީ ގާސިމް އެކަން ކުއްވެރިކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ގާނޫނާ ޚިލާފަށް ޖަލުގައި ބަންދުކޮށްފައި ހުންނެވި މުއްދަތުގައި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދީފައިނުވާތީ އެމަނިކުފާނު އެކަން ކުށްވެރިކުރައްވައިފިއެވެ.
އޭޕްރިލް 6 ވަނަ ދުވަހުގެ ރޭ ކުއްލިގޮތަކަށް ގާސިމް އިބްރާހީމް ހައްޔަރުކޮށް ދޫނިދޫއަށް ގެންދިއުމަށްފަހު, ހައިކޯޓުން އިއްޔެ ކުރި އަމުރާ ގުޅިގެން އެމަނިކުފާނު މިނިވަންކުރުމުން ރައްޔިތުންގެ މަޖިލިހުގައި ރޭ ބޭއްވި ކުއްލި ޖަލްސާގައި ގާސިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރޭގެ ޖަލްސާގައި ރިޔާސަތުން އެމަނިކުފާނަށް ދެއްވި ފުރުސަތުގައި މަޖިލިހުގެ ރައީސް އަބްދުﷲ މަސީހަށް ނިސްބަތްކުރައްވައި ވިދާޅުވީ، ޖަލުގައި ހުންނެވިއިރު މަޖިލިހަށް ވަޑައިގަތުމުގެ ފުރުސަތު ނުދެއްވީތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ.
އެމަނިކުފާނަށް އެފުރުސަތު ނުދެއްވީ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނުގައިވާ ގޮތުގެމަތީން އެ ފުރުސަތު ލިބެންޖެހޭކަން މަސީހަށް ވެސް އެނގިވަޑައިގެން ހުންނަވައި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށައަޅަންޖެހެނީ މިކަހަލަ ސަބަބުތަކާ ހެދި ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މަޖިލިހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހައްގު ކަނޑައެޅިގެން ގާނޫނުން ކަށަވަރުދީފައި ވަނިކޮށް، އެފުރުސަތު ނުދީ ޖަލުގައި ބައިންދައިގެން އެތައް ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ ގަދަވެ ސަލާމަތުން ހުންނެވިއްޔާ ޖަލްސާތަކަށް ހާޒިރުވެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މެންބަރެއްކަން މަޖިލިހުގެ ރައީސަށް ހަނދުމަފުޅުކޮށް ދެއްވަމުން, މިބާވަތުގެ ކަންކަން މަޖިލިހުގެ އެހެން މެމްބަރުންނާމެދު ވެސް ނުކުރެއްވުމަށް މަސީހަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާ ފަރާތްތަކުން އިޚުލާސްތެރިވާންޖެހޭ ކަމަށާއި މަސްއޫލިއްޔަތު އުފުލަންޖެހޭނީ ތެދުވެރިކަމާއި ވަފާތެރިކަމާއެކު ކަމަށެވެ.
ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދީފައިނުވާތީ ގާސިމް ކަންބޮޑުވުން ފާޅުކުރެއްވުމުން މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ މަޖިލިހުގެ ޖަލްސާތަކަށް ވަޑައިގަތުމަށާއި، ޖަލްސާތަކުގައި ވާހަކަދެއްކެވުމަށާއި، އަދި ވޯޓު ދެއްވުމަށް މަޖިލިހުގެ ރިޔާސަތުން އޮންނަނީ އަބަދުވެސް މެމްބަރުންނަށް ފުރުސަތު ހުޅުވާލާފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ