ވެރިކަމުގެ ފުރަމަތަ އަހަރު އެކަނި ވެސް 1،000 ފްލެޓް ފުވައްމުލަކުގައި އަޅާނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގެ ފުރަތަމަ އަހަރު އެކަނި ވެސް ފުވައްމުލަކުގައި 1،000 ފްލެޓް އިމާރާތް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރޭ އެރަށުގައި ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ބޭއްވި ގާސިމްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ފުވައްމުލަކުގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކޮށް، އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް ލޯނު ވެސް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި ފުވައްމުލަކުގައި އިމާރާތްކުރުމަށް ބޭނުންވާ ވެލި ގެނެވޭނެ ގޮތެއް ނެތުމުން އޭނާގެ ސަރުކާރެއްގައި އެކަމަށް ފުރަތަމަ ދުވަހުން ފެށިގެން ދައުލަތުން ސަބްސިޑީއެއް ދޭން ފަށާނެ އެވެ.
"މިއީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއް. ތި ބޭފުޅުން ހުވަދު އަތޮޅުން ނޫނީ އައްޑު އަތޮޅުން، ލ. އަތޮޅުން ނަމަވެސް ]ވެލި ގެނައުމަށް[ ހަމަޖެއްސުމުން ވަރަށް ބޮޑު އަގެއް އެ ދަނީ،" ގާސިމް ވިދާޅުވި އެވެ. "މި ރަށުގެ އާބާދީގައި 12،000 ވަރަކަށް މީހުން ދިރިއުޅެމުން ދާއިރު އަޅުގަނޑުމެންނަށް ކަށަވަރު ތިޔަ ބޭފުޅުންގެ މުސްތަގުބަލް އާރާސްތުކުރުމަށްޓަކައި، ތިޔަ ބޭފުޅުންގެ ވިސްނުން ހުރި ގޮތް އަޅާ ކިރާލެވިއްޖެ. މިކަމުގެ ސަބަބުން މި ދެންނެވި ވެލި ނުލިމުގެ ސަބަބުން، އިމާރާތްކުރުން ނުވަތަ އާރާސްތުކުރަން ބޭނުންވެފައިވާ މިންވަރު މަޑުޖެހިފައިވާ މިންވަރު އަޅުގަނޑަށް އިހުސާސް ކުރެވިގެންދޭ."
އޭނާ ވިދާޅުވީ ނަރުދަމާގެ ކަންކަން ދަތިވެފައިވާ 50 ރަށެއްގެ މަސައްކަތް ކުރުމަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ހިމަނަން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އަދި އެންވަޔަރަންމަންޓް މިނިސްޓަރު މަރިޔަމް ޝަކީލާގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށެވެ.
ރަށްރަށުގެ ފަޅު ހިއްކުމާއި ފަޅު ހެދުމުގެ މަސައްކަތަށް ވުރެ ބޮޑު އިސްކަމެއް ބޯފެނާއި ނަރުދަމާގެ ކަންކަމަށް ދެއްވުމަށް، ބަޖެޓް ތައްޔާރުކުރިއިރު އެ ދެ މިނިސްޓަރުންގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތާއި އެކަން ކުރާނެ ގޮތް ވެސް ދެންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެކަން ހިނގާ ގޮތެއް ނުވި. އެދިޔަ ގޮތަކަށް ދިޔައީ. އެ ދުވަހު އެންވަޔަރަންމަންޓް މިނިސްޓަރު އިންނެވީ ގާތްގަނޑަކަށް ކީރިތިފުޅު ކުރެއްވިފައި ރަށްރަށުގެ ހާލަތު ހުރި ގޮތުން. ފެން ބޭނުންކުރަން އުނދަގޫ މިންވަރު، ސިއްހީ ގޮތުން ފެން ބޭނުން އުނދަގޫ މިންވަރު އެކަމަނާ އަށް އެނގިވަޑައިގަންނަވާތީ އެކަމަނާ ހުންނެވީ ވަރަށް ދެރަފުޅު ވެފައި. އެހެން ނަމަވެސް އެބައި ކުރިއަށްދާ ގޮތެއް ނުވި. ބަޖެޓް އައިއިރު އަޅުގަނޑުމެންނަށް ފެނުނީ އެއްގޮތަކަށް ވެސް މާ ބޮޑު އަހަންމިއްޔަތު ކަމެއް ދެވިފައި ނެތް ތަން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ