ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، އަދި ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ، ޕީޕީއެމާ ގުޅިވަޑައިގެންފި އެވެ.
"ހަވީރަ"ށް ކަށަވަރުވެފައިވާ ގޮތުގައި މަޖިލީހުގައި ޕީޕަލްސް އެލަޔަންސް (ޕީއޭ) ތަމްސީލުކުރައްވާ ހަމައެކަނި މެމްބަރު ނާޒިމް، ޕީޕީއެމާ ގުޅިވަޑައިގަތީ އިއްޔެ އެވެ. އަދި އިބްރާހީމް ރިޒާ ޕީޕީއެމަށް ސޮއިކުރެއްވީ މިއަދު އެވެ.
ރިޒާ ވިދާޅުވި ގޮތުގައި އޭނާ މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ހަތަރު އަހަރު މަސައްކަތްކުރެއްވުމަށް ފަހު، މިއަދު ޕީޕީއެމާ ގުޅިވަޑައިގަތީ އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ގިނަ ރައްޔިތުން ވެސް މިހާރު ތިބީ ޕީޕީއެމްގައި ކަމަށްވާތީ އެވެ.
"އަޅުގަނޑު ކުރިން މިނިވަން މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރި އިރު ވެސް، އަޅުގަނޑަށް ވޯޓު ދިން ގިނަ ރައްޔިތުން އޭރު ތިބީ ޑީއާރްޕީގައި. އެހެންވެ މަޖިލީހުގައި އޭރު ވެސް އަޅުގަނޑު މަސައްކަތްކުރީ ދާއިރާގެ މީހުންގެ ވިސްނުމާ އެއްގޮތަށް ޑީއާރްޕީއާ ގުޅިގެން. ދާއިރާގެ ގިނަ މީހުން އޭރު ވެސް ތާއީދުކުރަނީ ރައީސް މައުމޫނަށް. މިއަދު ރައީސް މައުމޫން ޕީޕީއެމް އުފެއްދެވީމާ ދާއިރާގެ ގިނަ މީހުން އެ ތިބީ ޑީއާރްޕީ ދޫކޮށް ޕީޕީއެމަށް ބަދަލުވެފައި. އެހެންވެ އަޅުގަނޑު ވެސް ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލުނުވާންވީ ސަބަބެއް ނެތް،" ރިޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާ ޕީޕީއެމާ ގުޅިވަޑައިގަތީ ދާއިރާގެ ގިނަ ބަޔަކަށް މަޝްވަރާކޮށް އެ މީހުންގެ ވެސް ލަފަޔާ އެކުގަ އެވެ. އަދި އެ ކަމާ މަޝްވަރާކުރުމުން، ޕީޕީއެމާ ގުޅުމަށް އެއްވެސް ބަޔަކު ދެކޮޅު ނުހަދާ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ޕީޕީއެމާ ގުޅިވަޑައިގަތުމާ ބެހޭ ގޮތުން، އެ ޕާޓީން ވެސް އަދި ނާޒިމް ވެސް ރަސްމީ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
ނާޒިމާއި އިބްރާހީމް ރިޒާ ޕީޕީއެމާ ގުޅިވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ޕީޕީއެމްގެ 21 މެމްބަރުން ތިއްބަވާނެ އެވެ. ޕީޕީއެމަކީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީ ކަމަށްވާ އިރު، މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީ އެވެ. އެމްޑީޕީގެ 30 މެމްބަރުން ތިއްބަވަ އެވެ.
މަޖިލީހުގެ ނާއިބު ރައީސް ނާޒިމާއި ގުރައިދޫ ދާއިރާގެ ރިޒާ ޕީޕީއެމަށް ސޮއިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ