ގައުމުގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުން ނިކުތުމަށް މާރިޔާ ގޮވާލައްވައިފި

ދިވެހި ގައުމުގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުން އަތުގުޅާލައިގެން ހިތްވަރާއެކު ނިކުތުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މައްޗަށްގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފި އެވެ.
މާރިޔާ މިކަމަށް ގޮވާލެއްވީ ގުޅިފައިވާ ޕާޓީ ތަކުން މ. ކުނޫޒުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މާރިޔާ ވިދާޅުވީ ދިވެހިން މިއަދު ދިވެހި ގައުމުގައި ތިބެނީ އަބަދު ކަންބޮޑުވެފައި ކަމަށެވެ. ދިވެހިންގެ ބައެއް މީހުންނަށް މިއަދު ބަނޑުހައިހޫނުކަން ފިލުވަން ދަތިވެފައިވާ ކަމަށާއި ކަށަވަރުކޮށްދީފައިވާ ހައްގުތައް ލިބެމުން ނުދިއުމަކީ ރައްޔިތުން ކަންބޮޑުވާންޖެހޭ މައިގަނޑު ސަބަބުތައް ކަމަށްވެސް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގެ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާ ގުޅިގެން މާރިޔާ ވިދާޅުވީ ޔާމީންގެ އާއިލާއަށް މިވަގުތު ލިބިފައިވާ ހިތާމައިގައި ބައިވެރިވާ ކަމަށެވެ. ޔާމީން މަރާލާފައި މިވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ގެއްލިގެން ހޯދަމުންދާ އަހްމަދު ރިލްވާންގެ މައްސަލައިގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
މާރިޔާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކޮށްފައި ހުންނެވިއިރު މިހާރު އަޑުއިވެމުން މިދަނީ އެމަނިކުފާނު ފްރޭމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑު ކަމަށެވެ. ފްރޭމް ކޮށްގެން މިގައުމުގައި މީހުންނަށް އަދަބު ދީފައިވާ ކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ މިއީ ގައުމެއްގައި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށެވެ.
މާރިޔާ ވިދާޅުވީ ރާއްޖޭގައި މިއަދު އަމަލުކުރަމުން މިދާ ގާނޫނު އަސާސީގައިވާ މިންވަރަށް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީފައިވާ ގާނޫނު އަސާސީއެއް އެއްވެސް ގައުމެއްގައި ނޯންނާނެ ކަމަށެވެ. ނަމަވެސް މިއަދު ވެރިކަން ކުރާ ފަރާތުން ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފަށް އަމަލުކުރަމުންދާ މަންޒަރު ތަކުރާރުކޮށް ފެންނަމުންދާ ކަމަށާއި އެހެންކަމުން ރައްޔިތުން އަތުގުޅާލައިގެން ހައްގުތައް ހޯދުމަށް ހިތްވަރާއެކު ނިކުންނަން ޖެހޭނެ ކަމަށެވެ. ގައުމުގެ ހާލަތު ބަދަލުކުރެވޭނީ ރައްޔިތުން މިމަސައްކަތުގައި ބައިވެރިވެގެން ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާ ފާހަަގަކުރައްވަމުން މާރިޔާ ވިދާޅުވީ އެމާއްދާގައި މަޖިލީހުގެ މެންބަރުން ހައްޔަރުކުރެވޭނެ ގޮތް ބަޔާންކޮށްފައިވަނިކޮށް މިއަދު ވެސް މަޖިލިސް މެންބަރުން ހައްޔަރުކުރަމުން މިދަނީ އެ މާއްދާގައިވާ ގޮތަށް ޕްރޮސެކިއުޓާ ޖެނަރަލް މެދުވެރިކޮށް ނޫން ކަމަށެވެ. އަދި ވިދާޅުވީ ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ އިމްތިޔާޒު ގާނޫނުގައި ބުނާ ގޮތަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އަމުރު ނެރެފައިވަނީ ގާނޫނުގައި ބުނާ އުސޫލުން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އަމުރު ނެރެދެއްވުމަށްފަހު އެ އަމުރާ މެދު ވާހަކަދައްކަން ޖެހޭ ޝަރީއަތުގެ މަޖިލިސްގައި ވެސް ފަނޑިޔާރަކަށް ގާޒީ ބާރީ އިންނެވި މައްސަލާގައި މާރިޔާ މިރޭ ވަނީ ގާޒީ ބާރީ އަށް ފާޑު ވިދާޅުވެފަ އެވެ. މާރިޔާ ވިދާޅުވީ އެމައްސަލާގައި އޭނާ ވާހަކަދައްކައިގެން އޭނާ ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުން ބަލައިނުގަތް ނަމަވެސް އެމައްސަލާގައި އަބަދުވެސް ވާހަކަ ދައްކަވާނެ ކަމަށެވެ. ބޭފުޅަކު ހައްޔަރުކުރަން އަމުރުދޭ ގާޒީ އަކު އެ އަމުރާ މެދު ވާހަކަދައްކަންޖެހޭ ޝަރީއަތުގެ އެހެން މަޖިލީހެއްގައި އިންނެވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ މިގައުމު މިއަދު އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށެވެ. އެހެންކަމުން އެ ހާލަތު ބަދަލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އެމަސައްކަތް ހުއްޓާނުލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. ގައުމު އިސްލާހު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގެ ގޮތުން މަޖިލީހަށް ހުށަހަޅަންޖެހޭ އިތުބާރު ނެތް ކަމުގެ މައްސަލަތައް ހުށަހަޅަމުންދާނެ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ