ސިޔާސީ ބޭނުމެއްގައި ޝަރުޢީ ދާއިރާ ބޭނުންކުރުމަކީ ޤާނޫނާއި ހިލާފުކަމެއް – މައުމޫން

ސިޔާސީ ބޭނުމެއްގައި ޝަރުޢީ ދާއިރާ ބޭނުން ކުރުމަކީ ޤާނޫނުތަކާއި އަދި ޤާނޫނު އަސާސީ އާއި ވެސް ހިލާފު ކަމެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޕީޕީއެމްގެ ނަމުގައި ރައީސް މައުމޫން ހިންގަވަމުން ގެންދަވާ ހަރަކާތްތައް ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކުރެއްވުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ސިވިލް ކޯޓުގެ އަމުރާއި ބެހޭ ގޮތުން ސީދާ ގޮތެއްގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި ޝަރުޢީ ދާއިރާ ބޭނުންކުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ.
ސިވިލް ކޯޓުން ރޭ ނެރުއްވި އަމުރެއްގައި ވަނީ ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ.ތެމާގައި ހިންގަމުންދާ އޮފީސް ހިންގުމާއި ޕީޕީއެމްގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ފުލުހުންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
އެއަމުރު ނެރުނީ ޕީޕީއެމްގެ ރައީސްގެ ނަމުގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން ސިވިލް ކޯޓުން ޕީޕީއެމް އެޕާޓީގެ މުސްތަޝާރާއި ހަވާލު ކުރަން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ހުރަސް އެޅޭތީ ކަމަށް ކޯޓު އަމުރުގައި ވެއެވެ.
ޕީޕީީއެމްގެ ނަމުގައި އެއްވެސް ޖަލްސާއެއްް ބާއްވާ ނަމަ އަދި އެ ޕާޓީގެ ލޯގޯ ބޭނުންކޮށްގެން އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވުމަށާއި އަދި ހ.ތެމާގައި، ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހިންގަވަމުން ގެންދެވި އޮފީސް ބަންދުކޮށް، އެ ތަނުގައި ހުރި ޕީޕީއެމްގެ ދިދަ ނެގުމަށް ވެސް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ