ގާސިމް، ނަޝީދަށް: ކޯލިޝަން ހަދަންވެގެން ސަލާން ޖެހިކަން ހަނދާން ނެތުނީތޯ؟

އެންމެ ފަހުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އެހެން ޕާޓީތަކަށް ކުރި އާދޭހާއި ޖެހި ސަލާން ކޮބައިތޯ އައްސަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ފާޑުވިދާޅުވެއްޖެ އެވެ.
ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމާ ހަވާލުވެވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ކަމެއް ނުކޮށްދެވިގެން އުޅެނީ ކޯލިޝަނާ ހެދިކަމަށް ނަޝީދު ވިދާޅުވާއިރު، މި ސަރުކާރު ލިބުނު ގޮތް ހަނދާން ކުރަންޖެހޭނެ ކަމަށެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ މުހިންމު އެއް ބައިވެރިޔާ ގާސިމް އެހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ވަޑައިގެން ހއ. އިހަވަންދޫގައި ވާހަކަފު ޅުދައްކަވަމުން އެމްޑީޕީގެ އާއްމު މެމްބަރުންނަށް ހައްގު މިންވަރު ލިބުމަށް ހުރަސް އެޅިފައި ވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ބައި އަޅަން ޖެހުމުން ކަމަށް ނަޝީދު ވިދާޅުވެފައި ވާތީ އެވެ.
ޖޭޕީއާ އަލަށް ގުޅުނު މީހުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތުމަށް ރޭ ބޭއްވި ހަފްލާގައި އެ ޕާޓީގެ ލީޑަރު ގާސިމާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު ނިހާން މަޝްވަރާއެއްގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމްޑީޕީ ވެރިކަމުގައި އޮތް ނަމަވެސް އެ ޕާޓީގެ އާއްމު މެމްބަރުންނަށް ހިތްހަމަޖެހުން ނުލިބުމުގެ ސިއްރަކީ ކޯލިޝަން ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ރޭ ވަނީ މަޖިލީހުގެ ރައީސަކީ ހަތަރު ލައްކައެއްހާ ރައްޔިތުންގެ ހައްގުތައް، އޮށްވަޅު ގޮނޑިއެއްހެން ބަހާލަން ހުރި މަގާމެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
"ރާއްޖޭގައި ތިބި ހަތަރު ލައްކައެއްހާ ރައްޔިތުންގެ ހައްގުތައް، ހަމައެކަނި ތި ޕާޓީގައި ތިބި 40،000 މީހުންނަށް ބަހަން ދީފައި ހުރި އެއްޗެއް ކަމަށްތޯ ތި ހީކުރަނީ. ބަލަ މޮޔަފުޅުވީ ކޮންއިރަކުތޯ؟،" ޖޭޕީގެ މައި ޖަގަހަ، ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސަކަށް ހުންނަވައިގެން ރައްޔިތުންގެ ހައްގުތަކަށް ނަޝީދު އަރައިގަންނައިރު އިންސާފު ކޮބައިތޯ ގާސިމް ސުވާލު ކުރެއްވި އެވެ. އަދި ނަޝީދު މަސައްކަތްޕުޅު ކުރެއްވުމުގައި ގާނޫނީ އިން ކޮބައިތޯ އެއްސެވިއިރު އެއިން އެއްވެސް ތާކު އެއްވެސް ކަމެއް ނުޖެހޭ ކަމަށް ވިދާޅުވި އެވެ.
ޖޭޕީއާ ރޭ އަލަށް ގުޅުނު މެމްބަރެއްގެ ފޯމު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ހަވާލުކުރައްވަނީ .-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އަނބިދަރިންނާއި މުދަލަށް ކިތައްމެ ބޮޑު އަނިޔާއެއް ދިން ކަމުގައި ވިޔަސް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އޭނާ ދެމި ހުންނެވީ ގާސިމް ވިދާޅުވި ގޮތުގައި، އަނިޔާވެރިވުންތަކުން ސަލާމަތްކޮށް، ގައުމުގެ ރައްޔިތުންގެ އިޖުތިމާއީ އަދާލަތު ނަގައި ކޮޅަށް ޖެހުމަށެވެ. ތައުލީމާއި ސިއްހަތު އޭގެ އެންމެ ފުޅާކޮށް ގެންދިއުމުގެ ތަނަވަސްކަން ހޯދައި އަދި އެ ފުރުސަތު ވެސް ހޯދައިދެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީ އަދި ޕީޕީއެމް ފިޔަވައި ދެން ތިބީ މާލޫދު ޕާޓީއޭ ބުނެ ފާޑުކިޔާ އަޑު އިވިވަޑައިގަންނަވާ ކަމަށާއި އޭގެ ފައިދާ ވެސް އެ ޕާޓީތަކަށް ލިބިޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ މިސާލަކަށް ދެއްކެވީ 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމަށް ޖޭޕީއާ އެކު ހެދި ކޯލިޝަނެވެ.
Memberunnah hiyhamajehun nulibumuge sirrakee Coalition: Nasheed
Mihaaru
ގާސިމް ވިދާޅުވި ގޮތުގައި، 2008 ގެ ރިޔާސީ އިންތިޚާބުން "އެ ބުނާ ބޮޑު ޕާޓީ އަށް" ލިބުނީ 25 ޕަސެންޓެވެ. ނަމަވެސް ޖޭޕީން ކުރި މަސައްކަތުން 29 ޕަސެންޓަށް އިތުރުވި ކަމަށް ވިދާޅުވި އެވެ. އެކަމަކު ދުވަސްކޮޅަކުން، ނަޝީދު އިސްވެ ކޯލިޝަނުން ޖޭޕީ ބޭރުކޮށް، ހޫރާލައި މަގުމައްޗަށް އެއްލައިލީ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޕީޕީއެމާއެކު ކޯލިޝަން ހަދައިގެން އުޅުނީ އެހެން ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ