އިންކަމް ޓެކްސް ނެގުމުގެ ހަމަހަމަކަން، ވޯޓާ ގުޅުވައި މިސާލު ޖެހުމަކީ ދުނިޔޭގެ ގައުމުތަކުގައި ކުރާ ކަމެއް ނޫނެވެ؛ އެކަމަކު، ރާއްޖޭގައި އަލަށް އިންކަމް ޓެކްސް ނަގަން އުޅޭ ގޮތް، ބޭއިންސާފު މިންވަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގުޅުވީ ރައްޔިތުންނަށް ލިބިފައިވާ ވޯޓު ލުމުގެ ހައްގާ އެވެ!
ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރުކުރަން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ގާސިމް ރޭ ވިދާޅުވީ ގާނޫނުއަސާސީގައި ވޯޓުލުމުގެ ހައްގު ހުރިހާ ރައްޔިތުންނަށް އޮންނަނީ ހަމަހަމަކޮށް ކަމަށެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަން ގެއްލޭ ގޮތަށް އިންކަމް ޓެކްސް ނަގަން އުޅެނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"ގާނޫނުއަސާސީ އަށް ބަލާލާއިރު، އެންމެހައި ދިވެހި ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް. ކޮންމެ މީހަކީ ވެސް ހަމަހަމަ މީހެއް. ކޮންމެ މީހަކަށް ވެސް އޮތީ އެއް ހައްގުތަކެއް،" ގާސިމް ވިދާޅުވި އެވެ.
"ވޯޓުލަނީ ވެސް [ހަމަހަމަކޮށް] އެއްގޮތަށް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވިޔަސް ރައީސުލްޖުމްހޫރިއްޔާ އަކު ހޮވިއަސް ދިވެހި ރައްޔިތެއް ވިއްޔާ، އެ ހައްގު އެބައޮވޭ. ކިތަންމެ މުއްސަންޖަސް، ކިތަންމެ ފަގީރަސް އެއް ވޯޓު ލެވޭނީ."
މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލްގައި އޮތީ، 40،000 އަށް ވުރެން މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން، ޓެކްސް ނެގުމަށެވެ. ގާސިމް ވިދާޅުވަނީ، މިއީ އިންސާފުން ބޭރު އުސޫލެއް ކަމަށެވެ. މިގޮތަށް ޓެކްސް ނަގައިގެން ގާއިމްކުރެވޭނީ އިޖުތިމާއީ ކޮން އަދާލަތެއްތޯ އާއި މިއީ ޑިމޮކްރަސީގެ ކޮން ހަމައެއްތޯ ވެސް ސުވާލު ކުރެއްވި އެވެ.
މަޖިލީހުގައި ވިދާޅުވަމުން ގެންދަވާ ގޮތަށް، ގާސިމް ރޭ ވެސް ވިދާޅުވީ އެ ބިލުގައި މިހާރު ކަނޑައަޅާފައި އޮތީ ވަރަށް ބޭއިންސާފު އުސޫލެއް ކަަމަށެވެ. އޭނާގެ ވާހަކައިގައި ވަކާލަތު ކުރެއްވީ ހުރިހާ ރައްޔިތުންގެ އަތުން އެއް ވަރަކަށް ޓެކްސް ނެގުމަށެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި މިހާރު އޮތް ގޮތަށް ޓެކްސް ނަގައިފި ނަަމަ "އިޖުތިމާއީީ އަދާލަތު އޮންނާނީ އެކޮޅުކޮޅުންނެ"ވެ.
"މިސާލަކަށް މަހަކު 100،000ރ. ހޯދާ މީހާ 10 ޕަސެންޓް ނަގާ ކަމަށް ވަންޏާ އޭނާ ދައްކާނެ 10،000ރ. އެކަމަކު 10،000ރ. ހޯދާ މީހާ، އޭނާ ޓެކްސް ދައްކަން ޖެހެނީ 10 ޕަސެންޓް ކަަމަށް ވަންޏާ، އޭނާ ދައްކަނީ ކިހާވަރެއްތޯ، 1،000ރ. މިއީ ކިތައް ހާސް ރުފިޔާއެއްގެ ތަފާތެއްތޯ؟" ގާސިމް ސުވާލު އުފެއްދެވި އެވެ.
"އަނެއްކޮޅުން ގާނޫނުއަސާސީ އަށް ބަލައިލާ އިރު ހުރިހާ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ދިވެހި ރައްޔިތުންނަކީ ހަމަހަމަ ބައެއް. އެންމެންނަށް އޮތީ އެއް ހައްގުތަކެއް."
ގާސިމް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި އޮންނަ މަފްހޫމަށް ބަލާއިރު، ގައުމު ދިރުވުމުގައި އެންމެންގެ ހިއްސާ އޮންނަން ޖެހޭނީ އެއް ހަމައެއްގަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭނާގެ ކުންފުނިތަކުން ކޮންމެ އަހަރަކު ދައުލަތަށް ޓެކްސްގެ ގޮތުގައި 45 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ދައްކަ އެވެ އެއީ، ބޮޑެތި ކުއްޔަށް ތަންތަން ނަގައި، އަނބިދަރިން ލޮލަށް ނުފެނި ރެ އާއި ދުވާލު މަސައްކަތްކޮށްގެން ކޮޅަށް ނެގި ވިޔަފާރިތައް ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަށް ލިބިގެން ނުވާނެއޭ ދައުލަތުން ދޭ އެއްވެސް އެހީތެރިކަމަކާއި އިނާޔަތެއް. އަޅުގަނޑުމެން އެއިން މަހްރޫމް ކޮށްލާށޭ ޖެހޭނީ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އާމްދަނީން ޓެކްސް ނަގަން މިއުޅެނީ ދުނިޔޭގެ އެހެން ހުރިހާ ތަނެއްގައި މަސައްކަތް ކުރާ އުސޫލާ ޚިލާފަށެވެ. ވަކި ގޮތަކަށް ރާއްޖޭގައި ކަންކަން ކުރަން މިއުޅެނީ ކިހިނެއް ހަދަންތޯ ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުކުޅު ގާބިހެއް އެޅީމާ ވަރަށް ބާރަށް ހަޅޭއްލަވައޭ ބުނޭ ދެއްތޯ؟ އެހެން ކަމަށް ވެދާނެ ބާވައޭ ހިތަށް މިއަރަނީ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންކަމް ޓެކްސްގެ ނިޒާމް ގާއިމްކުރަން އުޅެނީ އައިއެމްއެފާއި ވޯލްޑް ބޭންކުން ލަފާދީފައިވާ ގޮތާ ޚިލާފަށެވެ. އެކަމުން ލިބޭނެ މޮޅެއް އޮތް ކަމަށް ގަބޫލުކުރަންތޯ، އެ ޖަލްސާގައި ތިބި ޖުމްހޫރީ ޕާޓީގެ އާއްމު މެމްބަރުންނާ ގާސިމް ސުވާލު ކުރެއްވި އެވެ.
އަޅުގަނޑު އެއްގޮތަކަށް ވެސް މިއުޅެނީ އާދައިގެ މީހާގެ އަތުން ޓެކްސް ނަގާށޭ ދަންނަވާކަށެއް ނޫން. --ގާސިމް
އެކަމަކު ދިރިއުޅުމުގެ ބޭނުންތައް ފުއްދަން އާމްދަނީ ހޯދުމަކީ ކިހާ ބުރަ، ކިހާ ވަގުތެއް ހޭދަވާ ކަމެއް ކަން އެންމެންނަށް ވެސް އެނގި އިހްސާސްވާން ޖެހޭ ކަަމަށް ވިދާޅުވި އެވެ.
"އެހެންކަމުން ތި ބޭފުޅުންނަށް ވެސް އަދި އަޅުގަނޑުމެންނަށް ވެސް ލިބޭ އެއްޗަކުން ހަމަހަމަކޮށް ބައިވެރިވުން އޮންނަން ޖެހޭ. ވޯޓު ލަނީ ހަމަ އެއްގޮތަކަށް. މަޖިލީހުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ހޮވިޔަސް އެ ހައްގު އެބަ އޮވޭ. ކިތަންމެ މުއްސަންޖަކަސް ކިތަންމެ ފަގީރަކަސް ހަމަ އެއް ވޯޓު ލެވެނީ. އެހެންވެއްޖިއްޔާ ބައިވެރިވުން އޮންނަން ވާނީ ހަމަހަމައަށް،" ގާސިމް ވިދާޅުވި އެވެ.
އިންކަމް ޓެކްސް ގާސިމް ގުޅުވީ ވޯޓުލުމުގެ ހައްގާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ