އެމްޕީއެލް ކުއާޓާއަށް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ކުއާޓާ ފައިނަލަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދަތުރުކޮށްފިއެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްގެންދާ އެ މުބާރާތުގެ ކުއާޓާގެ ޖާގައެއް އެމްޕީއެލުން ކަށަވަރުކޮށްފައިވަނީ ރޭ ކުޅުނު ޓީމް އިވެންޓުގެ މެޗުގައި އެމްޑަބްލިޔުއެސްސީ ބަލިކޮށްގެންނެވެ.
އެ މެޗުން އެމްޕީއެލް މޮޅުވީ ފަސޭހަކަމާއެކު ސީދާ ތިން ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމުން އެމްޕީއެލް މޮޅުވީ ސީދާ ހަތަރު ފްރޭމުންނެވެ. ދެވަނަ ގޭމު ސީދާ ހަތަރު ފްރޭމުން އެމްޕީއެލް މޮޅުވި އިރު، އެމްޕީއެލުން ތިންވަނަ ގޭމު ގެންދިޔައީ 4-1 ފްރޭމުންނެވެ.
"ގްރޫޕު ބީ"ގެ އެއްވަނައިގައި އެމްޕީއެލް އޮތީ ކުޅުނު ހަތަރު މެޗުން ހޯދި 12 ޕޮއިންޓާއެކުއެވެ. އެޓީމާ އެންމެ ކައިރިން ވާދަކުރާ ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ އަދި އެމްޓީސީސީ، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އޭގެ ތެރެއިން ސްޓެލްކޯ ހަތަރު މެޗު ކުޅެފައިވާ އިރު، އެމްޑަބްލިޔުއެސްސީ އާއި އެމްޓީސީސީން މިހާތަނަށް ކުޅުނީ ތިން މެޗެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ފެނަކައަށް ހަތަރު މެޗުން ތިން ޕޮއިންޓު ލިބިފައިވާ އިރު، ރައީސް އޮފީހަށް ހަތަރު މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި އެމްޕީއެލް އާއި އެމްޑަބްލިޔުއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އެމްޕީބީއޭ
އެ މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އަތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މޮޅުވީ 2-1 ގޭމުންނެވެ. ސްޓެލްކޯ އިން 2-1 ގޭމުން ފެނަކަ ބަލިކުރި އިރު، ޕޮލިސް ކްލަބު އަތުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބު މޮޅުވީ 2-1 ގޭމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 13 ޓީމެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ އަދި އެމްޓީސީސީއެވެ.
ފިރިހެން ޑިވިޝަންގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާނެއެވެ. އެ އިވެންޓުގައި 44 މެޗު ކުޅެވޭނެއެވެ. އަންހެން ޑިވިޝަންގެ ސިންގަލްސްގައި އަށް ކުޅުންތެރިން ވާދަކުރާ އިރު، އެ އިވެންޓުގައި ޖުމުލަ އަށް މެޗެއް ކުޅޭނެއެވެ. އަދި ޓީމު އިވެންޓު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޓީމު އިވެންޓުގައި 63 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ