ގެއްލިގެން ހޯދާ ކުދިން ފެނުމުން ފޮޓޯ އާންމު ނުކުރަން އެދެފި

ގެއްލިގެން ހޯދަމުންދާ ކުޑަ ކުދިން ފެނުމަށްފަހު އެކުދިންގެ ފޮޓޯ މީޑިއާގައި އާންމު ނުކުރުމަށް މީޑިއާ ކައުންސިލުން އެދެފި އެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގެއްލިގެން އިއްޔެ ހޯދަމުންދިޔަ ކުޑަކުއްޖެއްގެ ފޮޓޯ މީޑިއާގައި ހާމަކޮށްފައި ވަނީ އެ ކުއްޖާ ފެނުނު ފަހުން ކަމަށެވެ. އަދި އެއީ މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާއި އަދި ކުޑަކުދިންނާ ގުޅޭ ހަބަރާއި މައުލޫމާތު ހާމަކުރުމުގެ ގައިޑްލައިންއާ ހިލާފު ކަމެއް ކަމަށެވެ.
އެކުއްޖާގެ ފޮޓޯ މީޑިއާގައި އާންމުކޮށްފައިވަނީ އެކުއްޖާ ފެނުމުން ކަމަށް މީޑިއާ ކައުންސިލުން ބުނި ކަމުގައިވިޔަސް އެމްވީޔޫތު އޮންލައިންއިން އެކުއްޖާގެ ފޮޓޯ ހަބަރުގައި ގެނެސްދީފައިވަނީ އެކުއްޖާ ގެއްލުނު ރޭގެ ދަންވަރުގެ ވަގުތެއްގައި އެވެ. އަދި އެކުއްޖާ ފެނިފައިވަނީ ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަން ފާހަގަކޮށްލެވެ އެވެ.
ނަމަވެސް ރާއްޖޭގެ ގިނަ މީޑިއާތަކުން ފޮޓޯ އާންމުކޮށްފައިވަނީ ހެނދުނުގެ ވަގުތެއްގައި އެކުއްޖާ ފެނުނު ފަހުންނެވެ.
"ކުއްޖަކު ގެއްލިގެން ހޯދަމުންދަނިކޮށް ނުފެނިގެން ކުއްޖާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކާ އެނިޔަތުގަ ފޮޓޯ އާންމު ކުރިނަމަވެސް ކުއްޖާ ފެނުނު ފަހުން ފޮޓޯ އާންމު ކުރުމަކީ މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑުގެ އިތުރުން ކުޑަކުދިންނާ ގުޅޭ ހަބަރާ މައުލޫމާތު ހާމަކުރުމުގެ ގައިޑްލައިނާ، ހިލާފް ކަމެއްކަމުގައި ދެންނެވީމެވެ،" މީޑިއާ ކައުންސިލްގެ ނޫސް ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ