އަޅުގަނޑު މިކުރަނީ ގައުމީ މަސައްކަތެއް: މައުމޫން

މިއަދު ކުރަމުން ގެންދަވަނީ ވަކި ޕާޓީއެއްގެ މަސައްކަތް ނޫން ކަމަށާއި މިމަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ގިނަ ދުވަސްތަކަކު ގައުމުން ބޭރުގައި އުޅުއްވުމަށްފަހު ރޭ ރާއްޖެ ވަޑައިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރައްވަނީ ވަކި ޕާޓީއެއްގެ ނުވަތަ ވަކި މީހަކާ އެއްކޮޅަށް ނުވަތަ ވަކި މީހަކާ ދެކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި އެމަސައްކަތަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ކުރައްވާ ގައުމީ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑަށް ވެވުނު މިންވަރަކުން މިމަސައްކަތުގައި ބައިވެރިވާނަން. އެއީ ގައުމުގެ ހެވާ ލާބަޔަށްޓަކައި،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާހަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް އެމަނިކުފާނު ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ފުލުސް އޮފީހަށް ގެންގޮސް ސުވާލުކުރަންޖެހޭ ވަރުގެ ކަމެއް ނުވަތަ ގާނޫނާ ހިލާފަށް އެނގިގެން ކުރައްވާފައިވާ ކަމެއްވެސް ނޯންނާނެ ކަމަށާއި އެހެންކަމުން ހައްޔަރުކުރަންޖެހޭ ސަބަބެއް އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫނަށް ވެރިކަން ހޯއްދަވައިދެއްވުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެވާހަކަތައް ވެސް ރައީސް މައުމޫން ވަނީ ދޮގުކުރައްވާފަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ކުރީގެ ރައީސުންނަށް ގާނޫނެއްގެ ދަށުން ދެމުންގެންދާ އިނާޔަތްތައް ކުޑަކުރި މައްސަލާގައި ވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ކުށްވެރި ނުވެ ވެރިކަމުން ދުރަށް ވަޑައިގަންނަވާ ރައީސުންނަށް ގާނޫނުގައި ބުނާ ގޮތަށް އިނާޔަތްތައް ހަމަޖައްސައިދޭން ވާނެ ކަމަށެވެ. އެނޫން ގޮތަކަށް އަމަލުކުރެވޭނަމަ އިމްތިޔާޒުތަކުން މަހުރޫމް ކުރެވުނީ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ ކޮންމެހެން ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ކަމަށެވެ. އެކަމަކު އެމަނިކުފާނު އަބަދުވެސް އުޅުއްވަން ބޭނުންވަނީ ރާއްޖޭގައި ކަމަށްވެސް ވިދާޅުވި އެވެ.
ަރައީސް މައުމޫންގެ ވެރިކަމުގެ ދިވެހި ސަރުކާރުން ގަތަރާ އެކު ގާއިމުކޮށްފައިވާ ސިޔާސީ ގުޅުން މިސަރުކާރުން ކަނޑާލި މައްސަލާގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ގަތަރާ ގުޅުން ކަނޑާލީ އެއްވެސް މައްސަލައެއް ޖެހިގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ޕީޕީއެމްގެ ނަމުގައި ބަޔަކު ވާހަކަ ދައްކަމުން ގެންދިޔަ ނަމަވެސް އެވާހަކަތައް ރައްޔިތުން ގަބޫލުނުކުރާ ކަން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުން އެނގިގެން ހިނގައްޖެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ރައީސް އަކީ އަދިވެސް އެމަނިކުފާނު ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު މިވަގުތު ހުރި ގޮތުން ދެން މަސައްކަތް ކުރަންވީ ގޮތެއް އެނގޭނީ މަޝްވަރާ ތަކަކަށް ފަހު ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ. ސިޔާސީ މަޝްރަހު ހުރިގޮތް އެނގުނު ނަމަވެސް ދެން ކުރަންވީ މަސައްކަތްތައް އެނގޭނީ މަޝްވަރާތަކަށްފަހު ކަމަށް މައުމޫނު ވިދާވި އެވެ.
ރައީސް މައުމޫން ރޭ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެމަނިކުފާނަށް މަރުހަބާ ދެންނެވީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއި، މަޖިލިސް މެންބަރުންނާއި ޕާޓީ ތަކުގެ ކައުންސިލް މެންބަރުންނެވެ. ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމުގައި އިސްކޮށް ތިއްބެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުއާއި އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ