ރައީސް ޔާމީން މިނިވަންވެ 2023 އަށް ނިކުމެވަޑައިގަންނަވާނެ: ޑރ.ވަހީދު

ރައީސް ޔާމީން މިނިވަންވެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.ޑރ.ވަހީދު މިހެން ވިދާޅުވީ އޮންލައިން ނޫސް "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައެވެ. މިގޮތުން ޑރ.ވަހީދު ވިދާޅުވީ އެމަނިކުފާނު ޤަބޫލު ކުރައްވާ ގޮތުގައި ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވާނެކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކާމިޔާބުވެސް ކުރައްވާނެ ކަމަށް ޑރ.ވަހީދު ވިދާޅުވިއެވެ. މީގެ އިތުރުން ޑރ.ވަހީދު ވަނީ އެމަނިކުފާނު ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ނެތްކަންވެސް ހާމަކުރައްވާފައެވެ. އަދި އެމަނިކުފާނަށް ޕީޕީއެމް އިން އެ ޓިކެޓު ހުށަހަޅަން ޖެހޭ ސަބަބެއްވެސް ނެތްކަން ޑރ.ވަހީދު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ޕީޕީއެމްގެ އެޑްވައިޒަރުކަމާއި ހަވާލުވީ އެއްވެސް ކަހަލަ އަމިއްލަ އެދުމެއް އޮވެގެން ނޫންކަމަށްވެސް ވިދާޅުވިއެވެ. "ދަންނަވަންތޯ، މޮޅު ލީޑަރުންނަކީ އެހެން މީހުންނަށް ޝަރަފު ހޯދައި ދިނުމަށްޓަކައި އެމީހުން ޕްރޮމޯޓް ކުރުމަށްޓަކައި އެމީހުންގެ ފަހަތުގައި ތިބެގެން މަސައްކަތްކޮށް ދޭ މީހުން. އެންމެ ރަނގަޅު ލީޑާޝިޕަކީ އެހެން މީހުންނަށް ހިދުމަތް ކޮށްދިނުން. އެއީ އަޅުގަނޑުގެ ފިލޯސަފީއަކީ،" ރައީސް ވަހީދު ވިދާޅުވިއެވެ. ރައީސް ވަހީދު ވިދާޅުވީ، އެމަނިކުފާނާއި އަދި ދާދި ފަހުން ޕީޕީއެމް އާއި ގުޅިވަޑައިގެންނެވި ކުރީގެ ނައިބު ރައީސް ޑރ.ޖަމީލް އާއި އެކު ޕީޕީއެމްގެ ހަރަކާތްތައް ދެންދާނީ ވަރުގަދަ ވެގެންކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް މިހާރުވެސް ޕީޕީއެމް އޮތީ ވަރަށް ވަރުގަދަކޮށްކަން ޑރ.ވަހީދު ފާހަގަކުރެއްވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ