މަޖިލީސް އޮތީ ސުޕްރީމް ކޯޓަށް ދޫދޭގޮތަކަށް ނޫން: އިންތި

ޝަރުއީ ނިޒާމު އިސްލާހުކުރުމަށް ފަށާފައިވާ މަސައްކަތުގައި ސުޕްރީމް ކޯޓުން ދައްކާ ބިރަކަށް ރައްޔިތުންގެ މަޖިލީސް ފަހަތަށް ނުޖެހޭނެކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޒު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ ނިމިދިޔަ ދެ މަޖިލީހަށްވެސް ސުޕްރީމް ކޯޓުގެ ސަބަބުން އުދަނގޫތަކާއި ކުރިމަތިލާންޖެހުނުކަމަށާ މަޖިލީހުން ނިންމި އެތައް ނިންމުންތަކަކަށް ހުރަސްއަޅާފައިވާކަމަށެވެ.
އެފަދަ އެތައް މިސާލުތަކެއް ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ 19ވަނަ މަޖިލީހާއި އެގޮތަށް ކުޅުމުގެ ފުރުސަތު އެއްވެސް މުއައްސަސާއަކަށް ނުދޭނެކަމަށެވެ. އިމްތިޔާޒު ވިދާޅުވީ ދައުލަތުގެ ބާރުތަކުގެ ތެރެއިން އެންމެ ޑިމޮކްރަޓިކް ބާރަކީ ރައްޔިތުންގެ މަޖިލީސްކަމަށާ އެ މަޖިލީހަކީ ރައްޔިތުންގެ އެންމެ ގިނަ އިންތިޚާބީ މެންބަރުން ތަމްސީލްކުރަމުންދާ ބާރުކަމަށެވެ.
އަދި ޝަރުއީ ދާއިރާއަކީ ރައްޔިތުން އިންތިޚާބުކުރައްވާ ބޭފުޅުން ތިއްބަވާ ތަނެއް ނޫންކަމަށާ އެހެންކަމުން އެންމެ 5 ބޭފުޅަކު ބޭނުންވާ ގޮތަށް ގައުމުގެ ހުރިހާކަމެއް ނިންމުމުގެ ފުރުސަތު ނޯންނާނެކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިފަހަރު މެންބަރުން ހޮވުމުގައި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވާފައިވާކަމަށާ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދީފައިވަނީ ރައްޔިތުން ބޭނުންވާ ބަދަލުތައް ގައުމަށް ގެނައުމަށްކަމަށެވެ.
"އެހެންވީމަ ވަރަށް ސާފުކޮށް އަޅުގަނޑު މި ދަންނަވަނީ މިފަހަރު މަޖިލީހުން އޮތީ ދޫދޭގޮތަކަށް ނޫނޭ. އެކަމެއް ނުވާނެ ދެނެއް އިނގޭތޯ." އިމްތިޔާޒު ވިދާޅުވިއެވެ.
ފަނޑިޔާރުގެ އިސްލާހުކުރުމުގެ ގާބިލިއްޔަތުކަމެއް އަދި ނިޔަތެއްވެސް ސުޕްރީމްކޯޓުގައި ނެތްކަމަށާ ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ނަމުގައި ސުޕްރީމް ކޯޓުން ފެށި މަަސައްކަތަކީ ވަގުތު ހޯދައިގެން މަގާމުތަކުގައި ދެމިތިބުމަށް ކުރަމުންދާކަމެއްކަމަށްވެސް އިމްތިޔާޒު ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ ފަނޑިޔާރުންނާއި އަދި ފަނޑިޔާރުގެތަކާއި ގުޅޭގޮތުންވެސް ވާހަކަދެކެވެންޖެހޭކަމަށާ ނަމަވެސް ފަނޑިޔާރުގެއާއި ނުވަތަ ފަނޑިޔާރުންނާއި ގުޅޭގޮތުންވެސް މިހާތަނަށް ވާހަކަދެއްކި ކޮންމެ މީހަކަށް ސުޕްރީމް ކޯޓުން ބިރުދައްކާ އަދަބުދީފައިވާކަމަށެވެ. އެހެންކަމުން މަޝްވަރާކޮށްލަންވެސް ނުކުރޭ އަދި ބައެއްގެ މަޝްވަރާގެ އަޑުވެސް އަހާލަން ނުކުރެވޭ ބައެއްގެ ކިބައިގައި ކަމެއް އިސްލާހުކުރުމުގެ ޒައްރެއްގެ މިންވަރުވެސް ނުހުންނާނެކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ