ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއަށް 20 މިލިއަން ޚަރަދުކުރިން: ގާސިމް

ރިޔާސީ އިންތިޚާބުގައި ޕީޕީއެމް ވެރިކަމަށް ގެނައުމަށްޓަކައި 20 މިލިއަން ރުފިޔާ ޚަރަދުކުރެއްވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މާފަންނު ކުނޫޒުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ އޭނާ ޕީޕީއެމާ ކޯލިޝަން ހެދީ އިންތިޚާބު ފެށެން ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި 20 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާނެ ކަމަށެވެ.
އޭގެތެރެއިން ބައެއް ފައިސާ ރައީސް ޔާމީނާއި ނާއިބް ރައީސް ޑރ. ޖަމީލްގެ އަތްޕުޅަށް އަރުވާފައިވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު 20 މިލިއަން ރުފިޔާ ޚަރަދުކުރިން އަޅުގަނޑު އަތުގައި އެބަހުރި ހިސާބުތައް. އޭގެތެރެއިން ބައެއް ފައިސާ ރައީސް ޔާމީން ވިދާޅުވެގެން އޭރުގެ ރިޔާސީ ކެންޑިޑޭޓު ވިދާޅުވެގެން އަދި ނާއިބް ރައީސް ވިދާޅުވެގެން އަޅުގަނޑު ވަނީ ދީފައި" ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންޚާބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 20 މިލިއަނަށްވުރެ މަދު ނޫން އަދަދެއްގެ ފައިސާ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޚަރަދުކޮށްފައިވާނެ ކަމަށާއި އެ ފައިސާވެސް ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތްޕުޅަށް ފޮނުއްވި ކަމަށެވެ.
އޭނާ ޚަރަދުކުރެއްވި މެމްބަރުންގެ ތެރެއިން އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގަތީ ކިނބިދޫ ދާއިރާގެ ކުރީގެ މެމްބަރު މޫސާ ޒަމީރު އެކަނި ކަމަށާއި އެހެން ހުރިހާ ބޭފުޅުން އިންތިޚާބު ކާމިޔާބުކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަރަދުކުރެއްވީ ކޮޮންކޮން ބޭފުޅުންނަކަށް ކަމެއް ގާސިމް ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ