މާދަމާ ހަވީރު ހަޔަކުން ފެށިގެން ކެމްޕެއިން ކުރުން މަނާކުރިކަން އިއުލާނު ކޮށްފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ހިންގާ ކެމްޕެއިން ހަރަކާތްތައް މާދަމާ ހަވީރު 6:00 އިން ފެށިގެން ހުއްޓައިލާން ޖެހޭނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
"2014 ޖެނުއަރީ 18 ވާ ހޮނުހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2014 އާއި ގުޅިގެން މި އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިހާބަށް ނުފޫޒެއް ފޯރާނެ އެއްވެސް އަމަލެއް 2014 ޖެނުއަރީ 17 ވާ ހުކުރު ދުވަހުގެ ހަވީރު 6:00 އިން ފެށިންގެ 2014 ޖެނުއަރީ 19 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާއި ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސް ކުރަމެވެ." އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވެއެވެ.
"އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު"ގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިހާބެއްގައި ވޯޓު ނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 6:00 ން ފެށިގެން ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާއި ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ.
މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕާޓީތަކުންނާއި އަމިއްލަ ގޮތުން ޖުމުލަ 2463 ކެންޑިޑޭޓުން ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އަތޮޅު ކައުންސިލަރުންގެ ގޮތުގައި 132 ކައުންސިލަރުން އިންތިހާބުކުރާއިރު ރަށު ކައުންސިލަރުންގެ ގޮތުގައި 951 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އަދި ސިޓީ ކައުންސިލަރުންގެ ގޮތުގައި 17 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ