ސްޕްރީމް ކޯޓުގެ އަމިއްލަ މަސްލަހަތުގެ ދަށުން ބަލާ، ސުމޯޓޯ މައްސަލަތައް ނުބެލޭގޮތަށް އެކަން ހުއްޓުވުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އެގޮތަށް ހުށަހަޅުއްވާފައި ވަނީ، ޖޭއެސްސީގެ މެންބަރުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރެއްވުމުން، އެ ކޮމިޝަންގެ މެންބަރުން ހިއްސާކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޖުޑިޝަރީ ކޮމިޓީން ތައްޔާރުކުރި ކޮމިޓީ ރިޕޯޓުގައެވެ.
ޖުޑިޗަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް އިއްވަވަމުން އެ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށާއި، ފެންވަރު ބެލުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރުވާ ކަމާއި، ޖޭއެސްސީގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރަސްތަކެއް ކުރިމަތިވެފައި ވާކަން ޖޭެއެސްސީގެ މެންބަރުން ފާހަގަކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރަށް ޖޭއެސްސީގެ ޤާނޫނު ވުޖޫދަށް އަައުމާއި ގުޅިގެން އެ ކޮމިޝަނަށް ޤާނޫނުން ކުރުމަށް ލާޒިމުކުރާ ބައެއް ކަންކަން އެކޮމިޝަނުން ކުރަމުމަށްވެސް ދަތިކަން ހުރިކަން އެކޮމިޝަންގެ މެންބަރުންގެ ވާހަކަތަކުން އެނގިގެންދިއަ ކަމަށެވެ. އެހެންކަމުން ޖުޑިޝަރީ ކޮމިޓީން ހުށަހެޅުއްވި ރިޕޯޓުގައި ވަނީ، ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީގެ މައްސަލައިގައި ޖޭއެސްސީން ނިންމާފައިވާ ނިންމުމާއި މެދު ސުވާލު އުފެއްދުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށް ކަނޑައެޅުމަށްވެސް އެދިފައެވެ.
ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، ޖޭއެސްސީ އަކީ މިނިވަން ކޮމިޝަނެއް ކަމަށާއި، އެ ކޮމިޝަނުން މަސައްކަތްކުރަންވާނީ މަޖިލީހުން އެ ކޮމިޝަނަށްދޭ ބާރާއި އިޚްތިޔާރުގެ ދަށުން ކަމަށެވެ. އަދި ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއިން ލިބިދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތުކުގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ޤާނުނޫއަސާސީން އެ ކޮމިޝަނަށް ލިބިދީފައިވާ މިނިވަންކަން އޭގެ ފުރިހަމަ ގޮތުގައި ހިފުމަށް މަގުފަހިކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއްކަމަށްވެސް އެ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކޮމިޓީ ރިޕޯޓު އެޖެންޑާކޮށް ކޮމިޓީ ރިޕޯޓަށް މެންބަރުން ގެންދަވަނީ ބަހުސްކުރައްވަމުންނެވެ.
ސުޕްރީމް ކޯޓަށް ސުމޯޓޯ މައްސަލަތައް ނުބެލޭގޮތް ހެދުމަށް މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ