ރައީސްގެ ގިނަ ވައުދުތަކެއް މުލަކު ދާއިރާގެ ރަށްތަކަށް

މ. މުލަކާއި އެދާއިރާގައި ހިމެނޭ ރަށްތަކަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މުލަކު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި އިބްރާހީމް ނަސީރުގެ ކެމްޕެއިން ޖަލްސާގައި މިއަދު މ. މުލަކުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަ ރައްޔިތުންނަށް ކޮށްދެންޖެހޭނެ ކަމަކީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ކަށަވަރުކޮށްދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި މީގެ 100 އަހަރުކުރިން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދީފި ކަމަށާއި ރާއްޖެ އަދިވެސް އޮތީ އަސާސީ ހިދުމަތް ދިނުމުގައި 100 އަހަރު ފަހަތުގައި ކަމަށެވެ. ރައީސް ވިދާޅުވީ މުލަކާއި ކޮޅުފުއްޓާއި ނާލާފުށީގައި މަޝްރޫއުތައް ހިންގުމަށް ބަޖެޓް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން މުލަކުގެ މަގުހެދުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށް ވިދާޅުވިއެވެ.
އަދި ކޮޅުފުށީގައި ސުކޫލަށް ބޭނުންވާ އިތުރު ކުލާސްރޫމު އެޅުމާއި މަލްޓިޕާޕާސް ހޯލެއް އެޅުމާއި ގިރާސަރަހައްދު ހިމާޔަތްކޮށް، ފެނުގެ ނިޒާމު ގާއިމްކޮށް 150 ހައުސިން ޔުނިޓު އެޅުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސުނާމީއާ ގުޅިގެން ކޮޅުފުށިން ގެދޮރު ގެއްލުނު ބައެއް ފަރާތްތަކުން ގޭގެ ރަޖިސްޓްރީ ސަރުކާރުގައި ބަހައްޓާފައި ލޯނު ނަގާފައިވާ ކަމަށެވެ. ނަމަވެސް އެލޯނުތައް މިއަދު މާފުކޮށްދީފައިވާ ކަމަށެވެ.
އަދި 150 ހައުސިން ޔުނިޓު އެޅުމުގައި ރަށުގެ ރައްޔިތުން ވަނީ އެމީހެއްގެ ގޯތީގައި ގެ އިމާރާތްކުރުމަށް ބޭނުންވާތީ އެކަން ސަރުކާރާ ހިއްސާކޮށްފައި ކަމަށާއި އެ މަޝްވަރާތައް ނިމުމުން އެއްބަސްވެވޭ ގޮތެއްގެ މަތިން ހައުސިން ޔުނިޓުތައް އެޅުމުގައި އަމަލުކުރާނެ ގޮތެއް ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ނާލާފުށީގެ ފުޓްބޯޅަ ދަނޑު ތަރައްގީކޮށް ނިމޭއިރު، އެރަށުގައި އޮތް ފުޓަސަލް ދަނޑުވެސް ކުރިއަށް އިތް ތިން މަސްތެރޭގައި ނިންމައި ޒުވާނުންނަށް ބޭނުންކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިފަސް އަހަރު ނިމޭއިރު މ. އަތޮޅުގައި އެއާޕޯޓެއް އަޅައި، ނާލާފުއްޓާއި މުލީ ކޯޒުވޭއަކުން ގުޅައިލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ