ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ހުރިހާ ރައްޔިތުންވެސް ވޯޓު ދެއްވައިގެން، ހޯރަފުށީ ދާއިރާގެ ގޮނޑިއަށް މުހައްމަދު އިސްމާޢީލް އންތިޚާބު ކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވައިފިއެވެ. ރައީސް ޔާމީން މިގޮތަށް އެދިވަޑައިގެންނެވީ، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢީލްގެ ކެމްޕެއިން ޙަރަކާތްތަކުގެ ތެރެއިން ހޯރަފުށީގައި ރޭ ބޭއްވި ޖަލްސާގައި ފޯނު މެދުވެރިކޮށް ވާހަކަ ދައްކަވަމުންނެވެ.
ހޯރަފުށީ ރަށްމެދު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިންނާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވިގޮތުގައި ހޯރަފުށީ ދާއިރާގެ މިހާރުގެ މެމްބަރު މުޙައްމަދު އިސްމާޢީލަކީ، ރައްޔިތުންގެ މަޖިލީހުގައި ވަރަށް ހިތްވަރާއެކު ކެރިގެން ދާއިރާއަށް އިޚްލާސްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެހެންކަމުން، ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި މުހައްމަދު އިސްމާޢީލް ހޮއްވަވާ ދެއްވުމަކީ ހޯރަފުށީ ދާއިރާގައި ހިމެނޭ ހުރިހާ ރަށެއްގެ ތަރައްގީއަށް އައު ސަފުޙާތަކެއް އިތުރުވެގެންދާނެ ކަމެއްކަމަށެވެ.
ހޯރަފުށީ ރަށްމެދު ސަރަޙައްދުގައި ރޭ ބޭއްވި ފޯރި ގަދަ ކެމްޕެއިން ޖަލްސާގައި، ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ ޢަބުދުއްލަޠީފް ވިދާޅުވިގޮތުގައި މުޙައްމަދު އިސްމާޢީލަކީ ހިވާގި، ކެރޭ އަދި ހުރިހާ ފިކުރެއްގެ މީހުންނާއި ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި ދާއިރާގެ ތަރައްގީއަށް މުހަންމަދު އިސްމާޢީލް ކުރައްވާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، އެ މަސައްކަތްތަކުގެ ތަފްސީލްތައްވެސް ދެއްވިއެވެ. އަދި ތުރާކުނު ރައްޔިތުންގެ ފުރިހަމަ ތާޢީދު މުޙައްމަދު އިސްމާޢީލަށް އޮންނާނެކަމުގެ ޔަގީންކަންވެސް، ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ ޢަބުދުއްލަޠީފް ދެއްވިއެވެ.
ހޯރަފުށީ ދާއިރާގެ ގޮނޑިއަށް މުހައްމަދު އިސްމާޢީލް އިންތިޚާބުކޮށްދެއްވާ – ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ