ސުއޫދު މިއަދު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި
ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ބުނެ ދެއްކެވި ވާހަކަތަކަކާ ގުޅިގެން މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ. ސުޕްރީމް ކޯޓުން ސުއޫދުއަށް މިއަދު ފޮނުވި އަމުރުގައި ބުނެފައި ވަނީ، އެ ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިއަދު މެންދުރު 1:15 އަށް އެ ކޯޓަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއުދާއި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ ދަށުން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ސުއޫދު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އިތުބާރެއް ނެތް ކަމަށާއި އެހުރިހާ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށެވެ. "ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް. ސުޕްރީމް ކޯޓުފެ ފަނޑިޔާރުން ހަމަ ހުރިހާ ފަނޑިޔާރުން ވަކިކުރުން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ސުއޫދު ވިދާޅުވި އެވެ. އެއްވެސް އުސޫލެއް ހަމައެއް ލަމައެއް ނެތް ގޮތަށް ފަނޑިޔާރުން ވަކި ކުރުމާއި އޭނާ ދެކޮޅުކަން ހާމަކުރައްވައި ސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރަންޖެހޭނީ އިޖުރާތްތަކުގެ ތެރެއިން ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. "ފުރުސަތު ދެވެން ވާނެ އެ ބޭފުޅުންނަށް ޖަވާބުދާރީ ވާން. އަދި އެ ބޭފުޅުންގެ ގާބިލުކަން ހުރިތޯ ނުވަތަ ނޫންތޯ ވަޒަން ކުރުމަށްޓަކައި ޕްރޮސެސް އެއް އޮންނަން ޖެހޭނެ. ހަމަ ކުއްލިއަކަށް އެއްރޭ އިރު އަރާތަނާ ހުރިހާ ފަނޑިޔާރުން ކަނޑާލައިގެން ކަމަކު ނުދާނެ،" ސުއޫދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ