އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ބެންޗަކުން ބައްލަވާ މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި

ޖޭއެސްސީ އިން ސަސްޕެންޑް ކުރަން ނިންމެވި ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ބެންޗަކުން ބައްލަވާ މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލްކޮށްފައި ވަނީ އަމިއްލަ ފަރާތަކުން އުފުލާފައިވާ ފައިސާގެ މައްސަލައެކެވެ. މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، އަދި ފަނޑިޔާރު ޢަބްދުﷲ ޢަރީފެވެ.އަބްދުﷲ ދީދީ ބައްލަވާ މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވާއިރު އޭނާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ކުރައްވާފައެވެ.ނަމަވެސް އެ އަމުރާއި ގުޅިގެން ޖޭއެސްސީން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރާނެ ކަމަށާއި ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވީނަމަވެސް ޖޭއެސްސީގެ ނިންމުން ދެމި އޮންނާނެ ކަމަށެވެ.ނަމަވެސް ޝަރުއީ ދާއިރާގެ ކަންކަމާ ގުޅޭ ގޮތުން އެންމެ ފަހު ބަސް ބުނުމުގެ ހައްޤު ލިބިގެންވަނީ ސުޕްރީމު ކޯޓަށެވެ. އަދި ޖޭއެސްސީގެ ނިންމުމަކީ ޤާނޫނު އަސާސީއާއި ޚިލާފް ނިންމުމެއް ކަމަށް ގިނަ ޤާނޫނީ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ