އިސީގެ މެންބަރުކަމަށް އަހުމަދު ޝަރީފުގެ ނަން ހުށައަޅައިފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް އަހުމަދު ޝަރީފުގެ ނަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. 
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރގެ މަޤާމުގައި މިވަގުތު ހުންނެވި އަހުމަދު ޝަރީފުގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް މަޖިލީހުގެ ރިއާސަތުން މިއަދުގެ ޖަލްސާގައި ވަނީ ފޮނުވާފައެވެ. 
ޝަރީފުގެ އިތުރުން އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. 
2016 ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރގެ މަޤާމު ފުރުއްވަމުން އަންނަ އަހުމަދު ޝަރީފަކީ ކުރިން އިލެކްޝަނަސް ކޮމިޝަންގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ތައުލީމީ ދައިރާގެ ގިނަ ދުވަސްތަކެެއް ވަންދެން މަސައްކަތް ކުރެއްވި ޝަރީފަކީ ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. 
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ޝަރީފުގެ ނަން މަޖީލިހަށް ފޮނުވާފައިމިވަނީ އެ ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަހުމަދު ސުލައިމާން އެ މަޤާމުން މިދޔަ މަހުގެ ތެރޭގައި އިސްތިއުފާދެއްވުމުންނެވެ. 
އަހުމަދު ސުލައިމާން އިސީގެ ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ( އެންއައިސީ) ގެ މެންމަބަރުކަމަށް ކުރިމަތިލުމުން އެނާ އެ މަޤާމަށް އައްްޔަންކުރައްވާ ކޮމިޝަންގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ