ތާޖް މަހަލް ހިމާޔަތް ކުުރަން އިންޑިއާއަށް ނުކުޅެދުނު ކަމަށް ސުޕްރީމް ކޯޓުން ބުނެފި
ދިއްލީ (ޖުލައި 12): ތާޖް މަހަލް ހިމާޔަތް ކުރަން އިންޑިއާ ސަރުކާރަށް ނުކުޅެދުނު ކަމަށް ބުނެ އެގައުމުގެ ސުޕްރީމް ކޯޓުން ސަރުކާރަށް ފާޑު ކިޔައިފި އެވެ. ސުޕްރީމް ކޯޓުން ބުނި ގޮތުގައި ގައުމުގެ މައި ސަރުކާރާއި އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން ވެސް ވަނީ ތާޖް މަހަލް ބެލެހެއްޓުމުގައި އިހުމާލުވެފަ އެވެ. މިދިޔަ މޭ މަހު އެކޯޓުން ވަނީ ތާޖު މަހަލްގެ ކުލަ ފޭދެމުންދާތީ އެކަމަށް ހައްލެއް ގެނައުމަށް ޓަކައި ބޭރުގެ އެހީއަށް އެދުމަށް ސަރުކާރަށް އަންގައިފަ އެވެ. އަދި ވައިޓް މާބުލްއިން ހަދާފައިވާ އެބިނާގެ ކުލަ ރީނދުލަށް ބަދަލުވެ، މިހާރު ދަނީ މުށި ކުލަ އާއި ފެހި ކުލަ ޖެހެމުން ކަމަށް ކޯޓުން ބުންޏެވެ. ސަތާރަ ވަނަ ގަރުނުގައި ބިނާކޮށްފައިވާ ތާޖު މަހަލްގެ ކުލަ ފޭދެމުންދާ ސަބަބުތަކުގެ ތެރޭގައި ވައި ތަޣައްޔަރުވުމާއި އެސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން ހިމެނެ އެވެ. އިންޑިއާގެ ސަރުކާރުން ވަނީ އެމައްސަލަ ހައްލު ކުރުމަށް ޓަކައި ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ބުނެފަ އެވެ. އަދި ވައި ތަޣައްޔަރުވުމުގެ ސަބަބުން ވައިޓް މާބުލްގެ ރީތިކަން ގެއްލުން ހުއްޓުވުމަށްޓަކައި އެސަރަހައްދުގައި ހުންނަ އެތައް ހާސް ފޭކްޓަރީއެއް ވަނީ ބަންދުކޮށްފަ އެވެ. (ބީބީސީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ