ގާސިމް ކުރި ލައިވްގެ ވީޑިއޯ "ގެއްލިއްޖެ"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ކުއްލިގޮތަކަށް ފޭސްބުކް މެދުވެރިކޮށް ކުރި ލައިވްގެ ވީޑިއޯ، ފޭސްބުކުން "ގެއްލިއްޖެ" އެވެ.
ގާސިމްގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކުރި މި ލައިވްގައި، ޖުމްހޫރީ ޕާޓީގެ ފަރާތުން އޭނާ ވަނީ ގިނަ ނިންމުންތަކެއް ނިންމައި އެކަން ހާމަކޮށްފައެވެ. ނަމަވެސް މިކަމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުުވަމުން ދަނިކޮށް ގަޑިއެއްހާއިރު ވެސް ނުވަނީސް މި ވީޑިއޯ ވަނީ ޑިލީޓްކޮށްލާފައެވެ.
ގާސިމް މިއަދު ކުރި ލައިވްގައި މައިގަނޑު ގޮތެއްގައި ހާމަކޮށްފައިވަނީ، އިދިކޮޅު ސިޔާސީ ޕާޓީތައް އެކީ އެކަތިގަނޑަކަށްވެ، މީގެ ކުރިން އުފައްދާފައި އޮތް "އެކުވެރި ބޮޑު ކޯލިޝަން"ގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ބާކީކޮށް، ވަކިން ކޯލިޝަން ސަރުކާރެއް އުފައްދާ ކަމެވެ. އެގޮތުން އެމްޑީޕީގެ އެއްވެސް ބޭފުޅަކު ނުހިމެނޭގޮތަށް އުފައްދާ ކޯލިޝަން ސަރުކާރުގެ ކެބިނެޓްއަށް ބައެއް ބޭފުޅުންގެ ނަންތައްވެސް ގާސިމް ހުށަހަޅުއްވާފައި ވެއެވެ.
ޖުމްލަ 22 ވުޒާރާއެއް ގާސިމްގެ މި ކޯލިޝަން ސަރުކާރުގެ ކެބިނެޓުގައި ޤާއިމް ކުރުމަށް ހުށަހަޅާފައިވާއިރު، އެ ސަރުކާރެއްގެ ރައީސުލްޖުމްހޫރިއްޔާއަކީ ގާސިމް އިބްރާހީމް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނައިބު ރައީސަކީ ޑރ. މުޙައްމަދު ޖަމީލް އަހުމަދު ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އަހުމަދު ފާރިސް މައުމޫންގެ ނަންވެސް ހުށަހަޅާފައި ވެއެވެ.
ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކޯލިޝަން އެއް ނެރޭނީ މިހާރު އޮތް ކޯލިޝަނުން ސާފު ކެންޑިޑޭޓެއް ނެރެން އެއްބަސް ނުވެއްޖެ ހާލަތެއްގައި ކަމަށެވެ.
މިއަދުގެ ލައިވް ވީޑިއޯ ކުރިއަށްދިޔަ ވަގުތުވެސް ގިނަ ބައެއްގެ ފާޑުކިއުން ގާސިމަށް އަމާޒުވިއިރު، ޖުމްހޫރީ ޕާޓީގެ ތެރެއިންވެސް ގާސިމްގެ ނިންމުމާއި މެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އެގޮތުން ގާސިމް ހުށަހެޅުއްވި ކެބިނެޓްގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސް އެންޑް ލޭބަރ، އަބްދުﷲ ކަމާލުއްދީން ވަނީ ވީޑިއޯ ޢާންމު ކުރިތަނާހެން، އެ މަޤާުމު ބަލައިގަތުމަށް ޝަޢުޤުވެރި ނުވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އިދިކޮޅު ޙަރަކާތްތަކުގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ، ގާސިމް އެމްޑީޕީ ނުލައި ކޯލިޝަން ސަރުކާރެއް އިއުލާނުކޮށްފައި ވަނީ އިދިކޮޅު "ހިޔަނި" ކެބިނެޓަށް ނޭނގި ކަމަށެވެ.
ގާސިމް އެމްޑީޕީ އާއި ވަކިން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅުއްވާފައި މިވަނީ، އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މީގެ ކުރިން އުފައްދާފައިވާ "ބޮޑު ކޯލިޝަން"، ރިޔާސީ އިންތިޚާބު އައިސް ބޯމަތި ވެފައި ވަނިކޮށް ރޫޅި ބައިބައި ވެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީވެސް ހިމަނައިގެން ކުރިން އުފައްދާފައިވާ އެ ކޯލިޝަން ތެރޭގައި ބައިބައިވުން އުފެދިފައިވާއިރު، ކޯލިޝަންގެ އެއްވެސް މަޝްވަރާއެއް ނެތި އެމްޑީޕީގެ ފަރާތުން ރިޔާސީ ގޮނޑިއަށް ވާދަކުރުމަށް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ