ހައްޔަރުކުރާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރި މައްޗަށް ގެނެސް ބަންދާމެދު ގޮތެއް ނިންމަންޖެހޭނެ ކަމަށް ބުނާ މާއްދާ އުވާލީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރުމަށްފަހު ކަމަށްވާތީ، އެ ދެ ބޭފުޅުންގެ ބަންދަށް ކޯޓަށް ހާޒިރުކުރަންޖެހޭނެ ކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ރ) ހިފެހެއްޓީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ދުވަހު ނޫން އަނެއް ދުވަހު އެވެ. އެ މާއްދާ ގައި ބުނެފައި ވަނީ މީހަކު ހައްޔަރު ކުރުމަށް ފަހު 24 ގަނޑިއިރުގެ ތެރޭގައި އެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންވާނެ ކަމަށެވެ.
މާއްދާ ހިފެހެއްޓިއިރު ރައީސް މައުމޫނާއި ނަދީމް ހައްޔަރުކުރިތާ 24 ގަޑިއިރުވާން އޮތީ ކައިރިވެފަ އެވެ. އެ ދެ ބޭފުޅުންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރިއިރު ވެސް އެ މާއްދާއަށް އަމަލުކުރެ އެވެ.
ރައީސް މައުމޫންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް، މައުމޫން ހަމީދު ވިދާޅުވީ، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ މައްޗަށް ބަންދު ޖެހުމަށް ހާޒިރުކުރުމުގެ މާއްދާ ގަރާރު އިސްލާހުކޮށް ސަސްޕެންޑްކުރީ، ރައީސް މައުމޫނާއި ނަދީމް ހައްޔަރުކުރުމުގެ ފަހުން ކަމަށެވެ. އެހެންވެ އެ ދެ ބޭފުޅުން ހައްޔަރުކުރިއިރު އެ މާއްދާއަށް އަމަލުކުރަމުންދާތީ އެ ބޭފުޅުން ކޯޓަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. މިހާރު އެ ބޭފުޅުން އެ ތިއްބެވީ ގާނޫނާ ހިލާފު ބަންދެއްގައި ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.
ނަދީމްގެ ވަކީލް މޫސާ ސިރާޖު: ނަދީމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގަ ކަމަށް ވިދާޅުވި - އަހުމަދު ޝުރާއު | އަވަސް
ނަދީމްގެ ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވީ، ނަދީމް ހައްޔަރުކުރިއިރު ވެސް ކޯޓަށް ހާޒިރުކުރުމުގެ މާއްދާއަށް އަމަލުކުރާ ކަމަށާއި އެހެންވެ ކޯޓަށް ހާޒިރުނުކޮށް ބަހައްޓާ ބެހެއްޓުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. އެ ބަންދުގެ މައްޗަށް ހިންގޭ ތަހުގީގަކީ ވެސް ގާނޫނާ ހިލާފު ތަހުގީގެއް ކަމަށް ސިރާޖު ވިދާޅުވި އެވެ.
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރީ ގަރާރަށް އިސްލާހު ގެނެސް، އެ މާއްދާ ސަސްޕެންޑްކުރުމަށްފަހު އެވެ. ނަމަވެސް ފާރިސްއަކީ މަޖިލިސް މެންބަރަަކަށްވާއިރު، މަޖިލިސް މެންބަރުންނަށް ލިބޭ އިމްތިޔާޒްގެ ގާނޫނުގެ ދަށުން މެންބަރެއް ހައްޔަރުކުރާނަމަ އެކަން ކުރަން ޖެހޭނީ ފަނޑިޔާރަކު ނެރޭ އަމުރަކުން ކަމަށް ގާނޫނުގައި ބުނެފައިވާއިރު ބަންދާމެދު ވެސް ގޮތެއް ނިންމަން ޖެހޭނީ ފަނޑިޔާރެއްގެ އަމުރެއްގެ ދަށުން ކަމަށެވެ. އެހެން ނޫންނަމަ އެ ގާނޫނުން ލިބޭ ރައްކާތެރިކަމެއް ނުލިބޭ ކަމަށެވެ. އެހެންވެ، ފާރިސް މިހާރު އެ ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
ފާރިސްގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް ހައްޔަރުކޮށްފައިވާއިރު، އެ ބޭފުޅުން ވެސް ބަންދަށް ކޯޓަށް ހާޒިރުކޮށްފައެއް ނުވެ އެވެ.
މި ހައްގުތަކަކީ ވަކި ބަޔަކަށް ހަނިކޮށްފައިވާ ހައްގުތަކެކެވެ. މިހާރު ވެސް ކުރިމިނަލް ކޯޓުގައި ގަވައިދުން ބަންދު މަޖިލިސްތައް ބާއްވަ އެވެ. ނަމަވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރާ އެއްވެސް ބޭފުޅަކަށް މި އަސާސީ ހައްގުތައް ނުލިބެ އެވެ. މައުމޫން ހަމީދު ވިދާޅުވީ، އެގޮތަށް ވަކި ބަޔަކަށް ޓާގެޓްކޮށް ހައްގުތައް ނުހިފެހެއްޓޭނެ ކަމަށެވެ.
ހައްގު ހިފެހެއްޓީ ހައްޔަރުކޮށްފަ، ބަންދަށް މައުމޫން ކޯޓަށް ގެންނަންޖެހޭ: ވަކީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ