މަޖިލީހުގެ ޖަލްސާތަކަށް ގާސިމް ހާޒިރު ކުރަން ޖެހޭނެ: އިދިކޮޅު ފަރާތްތައް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އާއި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ހިތްވަރުދޭ ކަމުގެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
ގާސިމް މިހާރު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ހައްޔަރު ކޮށްފަ އެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭ ގޮތް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ފާސް ކުރުމަށް، މިއަދު ހެނދުނު 11:00 ގައި ބާއްވާ މަޖިލީހުގެ ޖަލްސާ އަށް ގާސިމް ހާޒިރުކޮށްދޭނެ ކަމެއް އަދި ޔަގީނެއް ނޫނެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒް ވިދާޅުވީ ހުކުމެއް ނެތި ޖަލުގައި ބައިތިއްބާފައިވާ މަޖިލީހުގެ މެމްބަރުން މީގެ ކުރިން ވެސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރި ބީދައިން ގާސިމާ މެދު ވެސް ފުލުހުން އަމަލުކުރަން ޖެހޭނެ ކަމަށެވެ.
"މިހާރު ވެސް ގާސިމް ބަންދުކޮށްފައި އެ ހުންނެވީ ގާނޫނާ ޚިލާފަށް. މަޖިލީހަށް ގާސިމް ހާޒިރުކޮށް ނުދީފި ނަމަ އަނެއްކާ ވެސް ފުލުހުން ގާނޫނާ ޚިލާފުވީ ކަމަށް ބެލެވޭނެ. މި މައްސަލާގައި ގާސިމްގެ ހައްގުތައް ފުލުހުން ނިގުޅައިގަތީ ކަމަށް ބެލެވޭނެ. މިއީ ފުލުހުން ވެސް ވިސްނަންޖެހޭ ކަމެއް،" ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން ކުށެއްގެ ތުހުމަތުގައި މެމްބަރަކު ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި ބާއްވާ، މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވެ އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ގާސިމް ހުންނެވީ ފުލުހުންގެ ބަންދުގައި ކަމަށްވުމުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި މީގެ ކުރިން ހައްޔަރުކުރި މެމްބަރުން ވެސް މަޖިލިހަށް ހާޒިރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކި މެމްބަރަކާ މެދު ތަފާތު ކުރުން ގެންގުޅެގެން ނުވާނެ، އެހެން މެމްބަރުން ވެސް މަޖިލިހުގެ ޖަލްސާތަކަށް ހާޒިރުކޮށްފައި ހުރީ، އެހެންވެ، ގާސިމާ މެދު އެގޮތަށް އަމަލު ކުރައްވަން ޖެހޭނެ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމަށް ބުނެ، މެދުހެންވޭރު ދާއިރާގެ މެމްބަރު އާލީ އާޒިމް ހައްޔަރު ކުރި ފަހުން ވެސް މަޖިލިހުގެ ޖަލްސާތަކަށް ހާޒިރުކުރި އެވެ. އަދި ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު 10 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމުގެ ކުރިން ހައްޔަރުކޮށްފައި ހުރި ދުވަސްކޮޅު ވެސް މަޖިލިހުގެ ޖަލްސާތަކަށް ހާޒިރު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްތިޔާޒް ގާނޫނުގައިވާ ގޮތުން ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނަވާ މެމްބަރަކު މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ އެވެ. ނަމަވެސް 12 މަސް ދުވަހަށް ވުރެ ކުރު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މެމްބަރުން މަޖިލިހަށް ހާޒިރު ކުރަން ޖެހޭނެ ކަމަށް ބުނާ މާއްދާ ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކުރީ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގެ ފުރުސަތު ހަނިކުރުމަށްޓަކައި ގަވައިދަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމަށެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ގާސިމް ހައްޔަރުކުރީ ގާނޫނުތަކާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާ ވެސް ހިލާފަށް ކަމަށެވެ. އެހެންވެ، ގާސިމް ވަގުތުން މިނިވަންކުރަން މުއައްސަސާތަކުގެ މައްޗަށް ލާޒިމް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ