ހައުސިން މިނިސްޓަރުގެ މަގާމުގައި ޑރ. މުހައްމަދު މުއިއްޒު ހުންނެވީ އަދާލަތު ޕާޓީގެ ފަރާތުން ނޫން ކަމަށާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ސްލޮޓެއްގައި ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އެމްޑީއޭ އިން ނަން ހުށަހަޅައިގެން ހައުސިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ޑރ. މުއިއްޒު ވަނީ މީގެ ދެތިން ދުވަސްކުރިން އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދޮޅު އަހަރުގެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން މުއިއްޒު ކުރެއްވީ އަދާލަތު ޕާޓީއަށް ދިން ސްލޮޓެއްގަ އެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގައި މުއިއްޒު ހިމެނިވަޑައިގަންނަވަނީ އެ ޕާޓީން ނަން ހުށަހަޅައިގެން ނޫން ކަމަށެވެ. މި ސަރުކާރުގައި މިހާތަނަށް އެ ޕާޓީ ތަމްސީލްކުރައްވަނީ ހަމައެކަނި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑރ. މުއިއްޒު ކެބިނެޓުގައި ހިމެނިވަޑައިގަންނަވަނީ މި ޕާޓީގެ ޕޯސްޓެއްގައެއް ނޫން. މި ޕާޓީގައި އެދިފައި ވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމަށް ނަން ހުށަހެޅުމަށް،" އަލީ ޒާހިރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ގިނަ ޕާޓީތަކެއް ޕީޕީއެމާ ގުޅިގެން ރައީސް ޔާމީން އިންތިހާބު ކާމިޔާބުކުރައްވައި، ކެބިނެޓް އެކުލަވާލެއްވުމުގެ ކުރިން، ވަޒީރުކަމަށް ނަން ހުށަހެޅުމަށް ޕާޓީތަކަށް ފުރުސަތު ދެއްވި އެވެ. ބައެއް ވަޒީރުންނަކީ ޕީޕީއެމް ނޫން ޕާޓީތަކުން ނަން ހުށަހަޅައިގެން ރައީސް އައްޔަންކުރެއްވި ބޭފުޅުންނެވެ.
ރިޔާސީ އިންތިހާބުގައި އެންމެ ކުރިން އަދާލަތު ޕާޓީން ތާއީދުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދަށެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކުރުމަށް ފަހު، ޕީޕީއެމަށް ތާއީދުކުރަން އެ ޕާޓީން ނިންމީ އިންތިހާބުގެ ދެ ވަނަ ބުރުގަ އެވެ. އަދާލަތު ޕާޓީން ޕީޕީއެމަށް ތާއީދުކުރަން ނިންމާފައި ވަނީ އެއްވެސް ޝަރުތަކާ ނުލަ އެވެ.
ހައުސިން މިނިސްޓަރުގެ މަގާމުގައި ޑރ. މުއިއްޒު ހުންނެވީ އެމްޑީއޭގެ ސްލޮޓެއްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ