ކްރިމިނަލް ކޯޓުގެ ގާޒީ ބާރީގެ ސަސްޕެންޝަން އުވައެއް ނުލަން: ޖޭއެސްސީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ ސަސްޕެންޝަން އުވާނުލާ ކަމަށް ޖޭއެސްސީން މިއަދު ބުނެފި އެވެ.
މާލޭގެ ސުޕީރިއާ ކޯޓުތަކުގެ ބައެއް ފަނޑިޔާރުން އެކި ކޯޓުތަކަށް ބަދަލުކުރަން ޖޭއެސްސީން އިއްޔެ ނިންމި ފަނޑިޔާރުންގެ ތެރޭގައި ގާޒީ ބާރީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އަންނަ ޖެނުއަރީ 1 އިން ފެށިގެން އޭނާ ބަދަލުކުރަން ނިންމާފައިވަނީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ ޖުވެނައިލް ކޯޓަށެވެ.
ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވީ ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރަން ނިންމި ނަމަވެސް އޭނާގެ ސަސްޕެންޝަން އުވާނުލާ ކަމަށެވެ. އަދި ޖެނުއަރީ ފުރަތަމަ ދުވަހުގެ ފަހުން ގާޒީ އަބްދުލް ބާރީގެ ސަސްޕެންޝަން އުވާލައިފި ނަމަ އޭގެ ފަހުން އޭނާ މަސައްކަތް ކުރައްވާނީ ޖުވެނައިލް ކޯޓުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޖުވެނައިލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި އެ ކޯޓުގެ ގާޒީ މުހައްމަދު ނައީމް ޖެނުއަރީ 1 އިން ފެށިގެން ޑްރަގް ކޯޓަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމާފައިވާތީ އޭގެ ފަހުން ޖުވެނައިލް ކޯޓުގައި ބާކީ ހުންނަވާނީ އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލު އެކަންޏެވެ.
އަޚުލާގީ މައްސަލައެއް ބަލަމުންދާތީ ސަސްޕެންޑްކޮށްފައިވާ ގާޒީ ބާރީ އަކީ ކްރިމިނަލް ކޯޓުގައި ބޮޑެތި މައްސަލަތައް ބައްލަވަމުން ގެންދެވި އަދި ބޮޑެތި ގިނަ މައްސަލަތަކެއް ބައްލަވާ ނިންމަވާފައިވާ ގާޒީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ