އަރުހަމްގެ މަރުގެ ތުހުމަތުކުރެވޭ ދެ މީހަކު ކޯޓުން ގޭ ބަންދަށް ދޫކޮށްފި

ކުއްލިއްޔާގެ ގޯޅިގަނޑުގައި ހަދާފައިވާ ޕާކް ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އަހުމަދު އަރުހަމް މަރާލުމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ދެ މީހަކު ކޯޓު އަމުރަށް ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ހއ. ހޯރަފުށީ ނޫރީގޭ، މުހައްމަދު އަރުހަމް މަރާލި މައްސަލާގައި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާން، ،19 އާއި ލ. މާވަށް އެވަބްލޫގެ މުހައްމަދު ވިސާމު، ،19 އާއި ލ. މާވަށު އަސަރީގެ މަންސޫރު ޔޫސުފް، ،23 އާއި މއ. ސީނަރީވިޔު އާތިފު ރަޝީދު، ،21 އާއި ގ. ދާސްތާން ހުސައިން އަލީމް، ،28 އަދި މއ. ކަބާލިފަރު އަލީ މިފްރާހު އަހުމަދު، ،21 ގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ވަނީ ފޮނުވާފަ އެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން ހުސައިން އަލީމާއި އާތިފު ރަޝީދު ކޯޓު އަމުރަށް 15 ދުވަހަށް ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލީމަކީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައިވާ މީހަކަށް ވާތީ އޭނާ ޑީޕީއާރްއެސްއާ ހަވާލުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ދެން ތިބި ހަތަރު މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މީހުންނަކީ މީގެ ކުރިން ވެސް ތޫނު ހަތިޔާރުން މާރާމާރީ ހިންގި ކަމުގެ ރެކޯޑު އޮތް ބައެއް ކަމަށް ވެސް ފުލުހުން ކުރިން ބުނެފައި ވެއެވެ. އަދި އޭގެ ތެރެއިން ސުފްޔާން ތޫނު ހަތިޔާރުން ގެއަކަށް ގެއްލުންދިންކަން ސާބިތުވެ އޭނާ އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ