އާދިލާއި އަބްދުﷲ އަބްދުއްރަހީމް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ސ. މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ޖުމްހޫރީ ޕާޓީއަށް އިއްޔެ ސޮއިކުރައްވައިފި އެވެ. އާދިލް މިއަދު "ހަވީރަ" ށް ވިދާޅުވީ ސަރުކާރަށް ތާއީދުކުރާ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވީ މިވަގުތު ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ. "އެކަށީގެންވާ ގޮތަށް، ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ހަރަކާތްތެރިވެވޭނީ ޖުމްހޫރީ ޕާޓީ ތެރެއިން ކަމަށް އަޅުގަނޑަށް ފެނުނީ. އެމްޑީޕީގެ ލީޑަޝިޕް ތެރޭގައި ވެސް މިވަގުތު މައްސަލަތަކެއް އުޅޭތީއާ އެކު މި ނިންމުން ނިންމީ،" ގައުމީ ޕާޓީގެ ޓިކެޓުގައި މަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އާދިލް ވިދާޅުވި އެވެ. އަބްދުﷲ އަބްދުއްރަހީމްއާ މިއަދު ގުޅޭ ނުވުމުން އޭނާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެކަމަކު "ހަވީރަ" ށް އެނގިފައިވާ ގޮތުގައި އޭނާ ވެސް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވީ އިއްޔެގެ ވަގުތެއްގަ އެވެ.އާދިލް އެމްޑީޕީން ވަކިވުމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 25 އަށް ދަށްވީ އެވެ. އަދި އާދިލާއި އަބްދުﷲ އަބްދުއްރަހީމްގެ މި ބަދަލާ އެކު ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ހަޔަކަށް އެރީ އެވެ. މިހާރު ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވީ އާދިލާއި އަބްދުﷲ އަބްދުއްރަހީމްގެ އިތުރުން އެ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ އާއި ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު އަދި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އެވެ. އަބްދުﷲ އަބްދުއްރަހީމް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވިއިރު އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޑީއާރުޕީ އަށް ވެސް ވަންނަވައިފަ އެވެ. އަދި އެމްޑީޕީ އަށް ވެސް ދެ ފަހަރެއްގެ މަތިން ސޮއިކުރެއްވި އެވެ. އެކަމަކު އޭގެ ތެރެއިން ފުރަތަމަ ފަހަރު އެމްޑީޕީ އަށް ސޮއިކުރެއްވުމަށް ފަހު 24 ގަޑިއިރު ނުވަނީސް ސޮއި އަނބުރާ ގެންނެވި އެވެ. ޑީއާރުޕީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު އޭނާ އެ ޕާޓީން ވަކިވެވަޑައިގަތީ އެމްޑީޕީ އަށް ސޮއިކުރެއްވުމަށްޓަކަ އެވެ. އެހެން ނަމަވެސް އެމްޑީޕީގައި މާ ގިނަ ދުވަސްތަކެއް ނުވެ އޭނާ ދެވަނަ ފަހަރަށް ޑީއާރުޕީ އަށް ސޮއިކުރެއްވި އެވެ. އަދި އެންމެ ފަހުން ޖުމްހޫރީ ޕާޓީ އަށް މި ސޮއިކުރެއްވީ ޑީއާރުޕީގައި ހުންނެވުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ