ގާސިމް ޕީޕީއެމަށް ތާއީދުކުރަން ނިންމެވީ "މަޖުބޫރީ ހާލަތެއް"ގައި: ޑރ. ޑީޑީ، ޝަމްހީދު

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޕީޕީއެމަށް ތާއީދުކުރަން ނިންމެވީ ހިތްހަމަޖެހިވަޑައިގެން ނޫން ކަމަށާއި "މަޖުބޫރީ ހާލަތެއް" މެދުވެރިވެގެން ކަމަށް އެ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ މިއަދު ގުޅިވަޑައިގެންނެވި ކައުންސިލް މެމްބަރުންތަކެއް ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ކާމިޔާބުކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމި ނިންމުމާ ހިތްހަމަޖެހިވަޑައިނުގެން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ. ޑީޑީ) މިއަދު ވަނީ އަލުން އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ. އޭނާގެ އިތުރުން އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު ޝަމްހީދާއި ކައުންސިލް މެމްބަރު މޫސާ ރަމީޒާއި ކައުންސިލަރު އަހުމަދު ހަމީދު (ފްލައި) ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. މީގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ޑރ. ހަސަން ސައީދުގެ ބޭބެ ހުސެއިން ސައީދު ވެސް މިއަދު ވަނީ އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު، ޑީޑީ އާއި ޝަމްހީދު ވެސް ވިދާޅުވީ ގާސިމްގެ "ހިތް އަދިވެސް އޮތީ އެމްޑީޕީއާ އެކުގައި" ކަމަށެވެ. ޕީޕީއެމަށް ތާއީދުކުރަން ގާސިމް ނިންމެވީ މިވަގުތު އޭނާ އަށް މެދުވެރިވެފައިވާ ހާލަތެއްގެ ސަބަބުން ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ހާލަތެއް ކަމެއް ދެ ބޭފުޅުން ވެސް ވިދާޅެއް ނުވި އެވެ.
"އެމަނިކުފާނަށް މިއަދު މަޖުބޫރީ ހާލަތެއް މެދުވެރިވެގެން އެ ނަގަން ޖެހުނު ޑިސިޝަނެއް ނެގިފައި އޮތް ކަމަށް ވިއަސް ހަގީގަތަކީ 1984 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް މި ރިފޯމް ގެނައުމަށްޓަކައި މަސައްކަތްކުރެއްވި އެއް ބޭފުޅާ އެއީ. އެބޭފުޅާ ވެސް ބޭނުމެއް ނުވޭ މި ރާއްޖޭގައި އާއިލީ ވެރިކަން ދެމިގެންދާކަށެއް،" ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ ގާސިމްގެ އިޒުނަ ނެތި އެ "މަޖުބޫރީ ހާލަތު" ހާމަކުރައްވަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު ގާސިމް ވެސް ވިދާޅުވާ ފަދައިން ޖުމްހޫރީ ޕާޓީގެ ގިނަ މެމްބަރުންނަކީ އަދިވެސް އެމްޑީޕީ ފިކުރުގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީ ދޫކޮށްލެވީ ޑީޑީ ވިދާޅުވި ގޮތުގައި ގާސިމާ ދޭތެރޭ އެއްވެސް ދެކޮޅުވެރިކަމެއް އޮވެގެނެއް ނޫނެވެ. ގާސިމްގެ ހިތުގެ 80 ޕަސެންޓް އަދިވެސް އޮތީ އެމްޑީޕީއާ އެކުގައި ކަމަށާއި އެއީ ވަރަށް ސާފު ހަގީގަތެއް ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވި ގޮތުގައި 2008 ގެ އިންތިހާބުގައި ވެސް ރައްޔިތުންގެ ކުރިމަތީގައި އޮތީ ނަޝީދާއި ކުރީގެ ރައީސް މައުމޫންގެ ނަން ފުޅެވެ. ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވެސް އޮތީ އެ ދެ ނަން ކަމަށްވާއިރު، އާއިލީ ވެރިކަމަކަށް ފުރުސަތުދޭން އޭނާ ބޭނުން ނުވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނިންމުމަކީ 2008 ވަނަ އަހަރުގެ ނިންމުން ފަދައިން ޑިމޮކްރަސީއާ އެކު ކުރިއަށް ދިއުން. ގާސިމް އިބްރާހީމް އިއްޔެ ކައުންސިލް ބައްދަލުވުމުގައި ދެތިން ހަތަރު ފަހަރަށް ވިދާޅުވި ފަދައިން އެބޭފުޅާ ވެސް ހިތްއެދެނީ ރައީސް ނަޝީދާ އެކު. ތިމަންނަ އަށް ވަަރަށް އުނދަގޫވޭއޭ އަނެއްކޮޅަށް [ޕީޕީއެމަށް] ދާން. އެހެން ނަމަވެސް ހިތާދެކޮޅަށް ނިންމުން ނިންމީ،" ޝަމްހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމް ވެސް ބޭނުންވެވަޑައިގަންނަވަނީ ރާއްޖެ އިސްލާހުގެ މަގުން ކުރިއަށް ގެންދިއުމަށް ކަމަށެވެ.
އެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހަމީދު ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީ އުފެއްދީ 30 އަހަރުގެ ވެރިކަން ބަދަލުކުރުމަށެވެ. އެހެންކަމުން ވަކި ބައެއްގެ ނުފޫޒާއި ބާރުން ނިންމި ނިންމުމަށް އޭނާ ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މޫސާ ރަމީޒް ވެސް ވިދާޅުވި ގޮތުގައި ގާސިމާއެކު މަސައްކަތް ކުރެއްވީ އަދި އެމްޑީޕީއާ ގުޅުނީ ވެސް އިސްލާހަށް ލޯބިކުރާތީ އެވެ. އާއިލީ ވެރިކަމަކީ އޭނާ ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް މޫސާ ރަމީޒު ވިދާޅުވި އެވެ.
ގާސިމް ޕީޕީއެމަށް ތާއީދުކުރަން ނިންމީ "މަޖުބޫރީ ހާލަތެއް" އޮވެގެން ކަމަށް ޑީޑީ އާއި ޝަމްހީދު ވިދާޅުވި ނަމަވެސް ގާސިމް ވިދާޅުވެފައި ވަނީ ޕީޕީއެމާ ގުޅެން ނިންމީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯއާ އެންމެ ބޮޑަށް އެއްގޮތް މެނިފެސްޓޯއެއް އޮތީ ޕީޕީއެމުގައި ކަމަށްވާތީ ކަމަށެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވޯޓުދެއްވުމަށް ވެސް ގާސިމް ރޭ ވަނީ އާދޭހާއެކު ގޮވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ