ވާދަވެރި ކެމްޕޭނަކަށް ފަހު ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ އިސް މަގާމްތައް އިންތިހާބުކުރިއިރު ވެސް ވަކި ފަރާތަކަށް ތާއީދުނުކުރައްވައި މެދުތެރޭގައި ހުންނެވި ގޮތަށް، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވެސް ވަކި ޓީމަކަށް ތާއީދުނުކުރައްވާނެ ކަމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމަށް ޒުވާނުންތަކަކާއި ރަށު ކައުންސިލް މެމްބަރުންތަކެއް ސޮއިކުރުމަށް ޕާޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރެއްވުމުން، ކޮންގްރެސްގައި މައުމޫން ތާއީދުކުރެއްވީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީންގެ ޓީމަށް ކަމަށް ދެކެވޭ ވާހަކަ އަކީ ހަގީގަތެއްތޯ "ހަވީރު"ން ސުވާލުކުރުމުން ވިދާޅުވީ "އެ ވާހަކަތަކުގައި ހަގީގަތެއް ނެތް" ކަމަށެވެ.
ޔާމީންގެ ޓީމާއި ކޮންގްރެސްގެ މަގާމްތަކުގައި ވާދަކުރެއްވީ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރުގެ ޓީމެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ ފެށުނީއްސުރެން ވެސް މިހާތަނާ ޖެހެންދެން ވެސް ދަންނަވަމުން މިއައީ، އަދި ގައުމީ ޖަލްސާގައި ވެސް އަޅުގަނޑު ބުނީ އަޅުގަނޑަކީ ވަކި ފަރާތަކަށް ޖެހޭނެ މީހެއް ނޫނޭ، ނުވެސް ޖެހެމޭ،" މައުމޫން ވިދާޅުވި އެވެ.
ކޮންގްރެސްގެ ވާދަވެރި މަގާމްތަކަށް "ޓީމް އުމަރާ"އި ޔާމީންގެ "ޔަގީން ޓީމު"ން ކެމްޕޭންކުރިއިރު ވެސް އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށާއި އެމަނިކުފާނުގެ ތާއީދު އޮތީ މިވެނި ޓީމަކަށޭ ވިދާޅުވެފައި ވެސް ނޯންނާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ތި ވިދާޅުވި ދެ ފަރާތުގެ [ޔާމީނާއި އުމަރު ޓީމް] ތެރެއިން އެއްވެސް ހަރަކާތަކުން ބޭއްވި ކަމެއްގައި އަޅުގަނޑު އާއްމު ތަނެއްގައި ބައިވެރިވެފައެއް ނޯންނާނެ. ހަމަވަރަށް ޕްރިންސިޕަލްޑްކޮށް، މި ދެންނެވީ ވަރަށް ހަމަ އުސޫލެއްގައި ހިފެހެއްޓުމުގެ ގޮތުން އަޅުގަނޑު ހުންނާނީ ހަމަ މެދުތެރޭގައި ވަކި ފަރާތަކަށް ނުޖެހި. ކުރިއަށް އޮތް ތަނުގައި ވެސް ޕްރައިމަރީ ކަންތަކުގައި ވެސް އަޅުގަނޑު ގެންދަން ގަސްތުކުރަނީ އެހެން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން އެގޮތަށް ވިދާޅުވުމުން އޭގެ މާނަ އަކީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަނުކުރެއްވުންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ހިނިފުޅުވަޑުވާލައްވަމުން ވިދާޅުވީ "ތިއީ [ނޫސްވެރިޔާ] އަމިއްލަފުޅަށް ނެންގެވި މާނައެއް ދެއްތޯ" ކަމަށެވެ.
އޭރު ޕްރައިމަރީ އަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޔާމީނާއި ޕާޓީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސެކްރެޓަރީ ޖެނެރަލް ޔުމްނާ މައުމޫންގެ އިތުރުން ޒުވާނުންގެ ގޮފީގެ ރައީސް ނާޒިމް ވެސް ހުންނެވި އެވެ.
ޕްރައިމަރީގައި ވަކި ފަރާތަކަށް ތާއީދުނުކުރައްވާނެ ކަމަށް މައުމޫން ވިދާޅުވުމުގެ ކުރިން ޕްރައިމަރީ އަށް އެމަނިކުފާނު ވާދަކުރެއްވުމާ ގުޅޭ ސުވާލުތައް ނޫސްވެރިން ކުރި އެވެ. މައުމޫން ވިދާޅުވީ ޕްރައިމަރީ އަށް ކުރިމަތިލައްވާނެ ބޭފުޅުން އެނގިވަޑައިގަންނަވާނީ ޕްެރައިމަރީ އިއުލާންކުރެއްވުމުން ކަމަށެވެ.
"އަޅުގަނޑު ކުރިން ވެސް ދެންނެވިހެން އަދި އިއުލާނެއް ނުކުރޭ ޕީޕީއެމުން ޕްރައިމަރީގައި ވާދަކުރާނީ ކޮންބައެއް ކަމެއް. އަދި ކުރިމަތިލާކަށް އިއުލާނެއް ނުކުރޭ. އެ ހިސާބަށް ދިޔައީމަ އެނގިވަޑައިގަންނަވާނެ އަޅުގަނޑު ވެސް ހަދާ ގޮތެއް،" މައުމޫން ވިދާޅުވި އެވެ.
ޕްރައިމަރީ އަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބެ އިލްޔާސް އިބްރާހީމް ކުރިމަތިލައްވަން ނިންމެވި ކަމަށް އަޑުފެތުރިފައިވާ ވާހަކަތަކާ ގުޅޭ ގޮތުން މައުމޫން ވިދާޅުވީ އެމަނިކުފާނަށް އެކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމަކީ ރައްޔިތުންގެ މަގްބޫލުކަން ލިބިފައިވާ ޕާޓީއެއް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ކާމިޔާބުވާނެކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.
ޕީޕީއެމަށް 46 ޒުވާނަކު ސޮއިކުރުމުގެ އިތުރުން މ. ނާލާފުށީ ކައުންސިލްގެ ހަތަރު މެމްބަރަކާއި އެ އަތޮޅު ދިއްގަރު ކައުންސިލްގެ މެމްބަރަކު ވަނީ ސޮއިކޮށްފަ އެވެ. ނާލާފުށީގެ ހަތަރު މެމްބަރުން ޕީޕީއެމަށް ސޮއިކުރުމުން އެ ކައުންސިލްގެ އަޣުލަބިއްޔަތު މިހާރު އޮތީ ޕީޕީއެމަށެވެ.
ޕްރައިމަރީގައި ވެސް ހުންނަން ބޭނުން ވަނީ ވަކި ފަރާތަކަށް ނުޖެހި މެދުތެރޭގައި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ