ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ރިސްކް އެލަވަންސެއް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.
ޑީޖޭއޭގެ މީޑިއާ ޔުނިޓުގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް ވިދާޅުވީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ރިސްކް އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށާއި މިހާރު އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރިއަށްގެންދާ ކަމަށެވެ. އެހެން ނަމަވެސް، ރިސްކް އެލަވަންސްގެ ގޮތުގައި ދޭން ހަމަޖައްސަނީ ކިހާވަރެއްކަމެއް، އަދި އެ އެލަވަންސް ދެނީ ކޮން އިރަކުން ކަމެއް ޑީޖޭއޭއިން ނުބުނެ އެވެ.
"ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ރިސްކް އެލަވަންސް ދިނުމަށް ޑިޕާޓްމަންޓުން ނިންމާފައި ވަނީ. ރިސްކް އެލަވަންސް ދިނުމަށް އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ،" ލަތީފާ ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ރިސްކް އެލަވަންސެއް ދިނުމަށް ޑީޖޭއޭ އިން ނިންމާފައި މި ވަނީ، ރިސްކް އެލަވަންސް ދިނުމަށް އެދި ކްރިމިނަލް ކޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ.
ކޯޓުގައި ރައްކާތެރި މާހައުލެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ މުވައްޒަފުން ޝަކުވާ ކުރަމުން އަންނަ އިރު އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވެސް ވިދާޅުވެފައި ވަނީ އެ ކޯޓުގައި ރައްކާތެރި މާހައުލެއް ނެތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ދާދި ފަހުން ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔަ މީހެއްގެ ފަރާތުން ކޯޓުގެ ބައެއް މުވައްޒަފުންނަށް ވަނީ ޓީބީ ޖެހިފަ އެވެ. އަދި އޭގެ ކުރިން ވެސް ކޯޓަށް ގެންނަ ބައެއް މީހުންގެ ފަރާތުން މުވައްޒަފުންނަށް ޖިސްމާނީ އަނިޔާ ލިބެމުންދާ ކަމުގެ ޝަކުވާ މުވައްޒަފުން ދިޔައީ ކުރަމުންނެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ރިސްކް އެލަވަންސް ދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ