ހަވީރާއި "ހަވީރު ނިއުސް އެޖެންސީ"އާ ދެމެދު އޮތް ގުޅުމެއް ނޭނގޭ: ވަކީލު

ދުވަހު ނޫސް ހަވީރާއި "ހަވީރު ނިއުސް އެޖެންސީ"އާ ދެމެދު އޮތީ ކޮން ގުޅުމެއްކަން ދައުވާ ކުރާ ފަރާތަށް ބުނެދެވިފައިނުވާ ކަމަށް ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ވަކީލު ހުސްނުއްސުއޫދު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ހަވީރުގެ މިލްކުވެރިކަމާ މެދު ހަވީރު ނިއުސް އެޖެންސީގެ ދެ މުއައްސިސުން ކަމަށްވާ އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގުގެ ފަރާތުން ސިވިލް ކޯޓުގައި ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުމުގައި "ހަވީރު" ވިއްކާލުން ހުއްޓުވައިދިނުމަށް އެ ދެ ފަރާތުން ވަގުތީ އަމުރަކަށް އެދިފައިވާތީ އެކަމަށް ޖަވާބު ދެއްވަމުން ބުރާސްފަތި ދުވަހު އޮތް ދެ ވަނަ އަޑުއެހުމުގައި ހުސްނުއްސުއޫދު ވިދާޅުވީ ވަގުތީ އަމުރު ނެރުމުގައި ތިން ކަމަކަށް ކޯޓުތަކުން ބަލާ ކަމަށެވެ. އެއީ ދައުވާކުރުމުގެ ހައިސިއްޔަތު އޮތްތޯ އާއި ހުށަހަޅާފައިވާ ދައުވާއަކީ ސާބިތުކުރެވޭ ވަރުގެ ދައުވާއެއްތޯ އާއި ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ދައުވާކުރާ ފަރާތަށް ލިބިދާނެތޯ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ތިން ކަމަށް ބަލާއިރު ހަވީރު ނޫހަކީ 1979 ވަނަ އަހަރުން ފެށިގެން މުހައްމަދު ޒާހިރު ހުސައިންގެ ނަމުގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހަކަށް ވާ އިރު ދައުވާކުރާ ދެ ފަރާތަށް ހަވީރުގެ މައްޗަށް ދައުވާކުރުމުގެ ހައިސިއްޔަތު އޮތް ކަމަށް ނުދެކޭ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ހަވީރާއި "ހަވީރު ނިއުސް އެޖެންސީ"އާ ދެމެދު އޮތީ ކޮން ގުޅުމެއްކަން ދައުވާކުރާ ފަރާތަށް ބުނެދެވިފައި ނުވާއިރު މިއީ ސާބިތުކުރެވިދާނެ ދައުވާއެއްތޯ ސުވާލު އުފެދޭ ކަމަށާއި ތިން ވަނަ ކަމަކަށް، "ހަވީރު"ގެ މިލްކިއްޔާތު ވިއްކާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ދައުވާކުރާ ފަރާތަށް އިޔާދަކުރަނިވި ގެއްލުމެއް ލިބޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އަންގާރަ ދުވަހު އޮތް މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުވާ ހުށަހެޅި ދެ ފަރާތުގެ ވަކީލު އިބްރާހިމް ރިޒާ ވިދާޅުވެފައި ވަނީ "ހަވީރު" ނޫހާއި ޗާޕްހާނާ އާއި އެންމެހާ ވިޔަފާރި ހިންގަމުން އަންނަނީ ހަވީރުގެ ޗެއާމަން ޒާހިރު ހުސެއިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް ނަމަކަށް ކިޔާ މީހަކު އެއްވަރަށް ހިއްސާވާ ގޮތަށް 1 އޭޕްރީލް 1983ގައި ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އުފެއްދި ހަވީރު ނޫސް އެޖެންސީގެ ދަށުން ކަމަށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ހަވީރުގެ މުދަލާއި ލިބޭ ފައިދާ ބަހަންޖެހެނީ ހަތަރު މުއައްސިސުންގެ މެދުގައި އެއް ހަމައެއްގެ ދަށުން ކަމަށްވާ އިރު މިހާތަނާ ޖެހެންދެން ވެސް ހަވީރުގެ ވިޔަފާރި ކުރިއަށް ގެންގޮސްފައި ވަނީ އަނެއް ތިން ބޭފުޅުންނަށް އެއްވެސް އެންގުމަކާ ނުލައި އަދި އެއްވެސް ފައިދާއެއް ވެސް ނުލިބޭ ގޮތަށް މުހަންމަދު ޒާހިރު ހުސައިން އަމިއްލަ އަށް ކަމަށް ވެސް ވަކީލު ވިދާޅުވެފައި ވެ އެވެ.
ދައުވާގައި އެދިފައި ވަނީ އެއްބަސްވުން ގާއިމުކުރި ދުވަހުން ފެށިގެން މިހާތަނަށް ހަވީރަށް ލިބުނު އާމްދަނީ އާއި މުދަލުން ކޮންމެ ބޭފުޅަށް ހަތަރު ބައިކުޅަ އެއް ބައި )25 ޕަސެންޓް( ނަގައިދިނުމަށެވެ. އަދި ހަވީރުގެ މިލްކިއްޔާތު ވިއްކާލުމުގެ ވާހަކަތަކެއް މީޑިއާގައި ފެތުރިފައިވާތީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށް ވެސް އެ ދުވަހު އެދިފައި ވެ އެވެ.
ގާޒީ މަރިޔަމް ނިހާޔަތު ބުރާސްފަތި ދުވަހު ވަޑައިނުގަންނަވާތީ މި މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ ގާޒީ އަލީ ރަޝީދެވެ. ވަގުތީ އަމުރާ މެދު ގޮތެއް ނިންމުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އޮންނަ އަޑުއެހުމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ