ސައިރިކްސްއަށް ބަދަލުގެ ގޮތުގައި ބިމެއް ދޭން އެ ކުންފުނިން ހުށަހަޅައިފި

ކުރީގެ ސެންޓަ ފޯ ކޮންޓިނިއުއިން އެޑިއުކޭޝަން (ސީސީއީ) ޕްރައިވެޓައިޒް ކުރުމަށް 2011 ވަނަ އަހަރު ހުޅުވާލުމުން ސައިރިކްސްއިން ހުށަހެޅި ބިޑް ސަރުކާރުން ބާތިލްކުރީ ގަވާއިދާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރުމާ އެކު އެތަނުގައި ބަދަލުގައި ބިމެއް ހަމަޖައްސައި ދިނުމަށް އެ ކުންފުނިން ސަރުކާރަށް ހުށަހަޅައިފި އެވެ.
ސައިރިކްސްއާ އެއްކޮޅަށް ކޮށްފައިވާ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އަންގާރަ ދުވަހު އެ ކޯޓުން ވެސް ހުކުމް ކުރީ ސައިރިކްސްއާ އެއްކޮޅަށެވެ. އެ ހުކުމާ އެކު ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފް ސޮއިކުރައްވައި ރައީސް އޮފީހަށާއި އިކޮނޮމިކް މިނިސްޓްރީއަށް ބުދަ ދުވަހު ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ސައިރިކްސްގެ ބިޑް ބާތިލް ކުރީ އާރުއެފްޕީ އާއި އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ކަމަށް ކޯޓުގެ ހުކުމުން އެނގޭ ކަމަށެވެ. އެ ސިޓީގައި ޝަރީފް އެދިވަޑައިގެންފައި ވަނީ ބިޑް ބާތިލް ކުރުމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސީސީއީ ހުރި ބިމާއި އެތަނުގައި ހުރި އިމާރާތްތަކުގެ އަގަށް ބެލުމަށް ފަހު އެތަނުގައި އެކަށީގެންވާ ބިމެއް ހަމަޖައްސައި ދިނުމަށެވެ.
ސީސީއީ ހުރީ މިހާރުގެ އަރަބިއްޔާ ސްކޫލް އިމާރާތްކޮށްފައިވާ ބިމުގަ އެވެ.
ސައިރިކްސްގެ އެ ހުށަހެޅުމާ ގުޅިގެން ސަރުކާރެއް ބަހެއް މިއަދު ލިބޭ ގޮތެއްނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ