އިލްޔާސް ޕީޕީއެމުން ވަކިވުމުން ދެރަވޭ: ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބެ އިލްޔާސް އިބްރާހިމް ޕީޕީއެމުން ވަކިވި ހަބަރު އަޑުއެއްސެވީ ވަރަށް ހައިރާން ކަމާއެކު ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.  ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމުން ރިޔާސީ ކެންޑިޑޭޓުންނާ އެކު ގެނެސްދޭ ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އިލްޔާސއކީ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި އެއީ ޑީއާރުޕީން ފެށިގެން ވެސް ޕާޓީ ތެރޭގައި ވަރަށް ހަރަކާތްތެރި ބޭފުޅެއް ކަމަށެވެ. ނަމަވެސް ޕާޓީގެ އެއްވެސް ކަމަކާ އިލްޔާސް ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ކަމުގެ އެއްވެސް ވާހަކައެއް ޕާޓީއާ ހިސާބަށް އައިސްފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި ސިޔާސީ ކޮންމެ ބޭފުޅެއްގެ ނިންމެވުމަކީ ވެސް އަމިއްލަ ކަމެކެވެ. ނަމަވެސް އިލްޔާސް ވަކިވެވަޑައިގަތުމުން ޕީޕީއެމަށާއި ޕާޓީގެ މެމްބަރުންނަށް ހިތް ނުތަވަސްކަމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.އިލްޔާސް ޕީޕީއެމުން ވަކިވެވަޑައިގަތީ އެޕާޓީން "ސަރުކާރަކަށް ޖެއްސުންކޮށް" ހެދުމަކީ  ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވުމަށްފަހު އެވެ. އަދި ޕީޕީއެމް މިއަދު ސަރުކާރުގެ ކޯލިޝަން ތެރޭގައި އޮވެ އެގޮތަށް އަމަލުކުރުން ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ޝަރީފް އަދި ޖައުފަރު އީސާ (ޖައުސާ ޖައުފަރު) ވެސް ޕީޕީއެމް އިން ވަކިވެ ވަޑައިގަތީ ޕާޓީ ތެރޭގެ ހިތްހަމަނުޖެހުންތަކާ މެދު އެއްވެސް ވަރަކަށް މަޝްވަރާކުރެއްވުމެއް ނެތި ކަމަށް ޔާމީން ވިދާޅުވި އެވެ. އެއީ އެކުވެރި ގާތް ބޭފުޅުން ކަމަށާއި އެކަމަކު ސިޔާސީ ގޮތުން އެންމެ މުހިންމު ވަގުތު ޕާޓީ ދޫކޮށް ވަޑައިގަތުމުން އެ ހިތްދަތިކަން އިހްސާސް ކުރެއްވޭ ކަމަށް ޔާމީން ވިދާޅުވި އެވެ.އިލްޔާސް އާއި ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު މި އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ އަށް ތާއިދުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވަނީ ވިދާޅުވެފަ އެވެ. ގާސިމް ވިދާޅުވީ އޭނާ އާއި އޭނާގެ ރަނިން މޭޓް ޑރ. ހަސަން ސައީދު ރޭ އިލްޔާސްއާ ބައްދަލުކުރެއްވީ ވެސް އެ ބޭފުޅުންގެ ކޯލިޝަނަށް ތާއީދުކޮށްދެއްވުމަށް ދެންނެވުމަށް ކަމަށެވެ.އިލްޔާސް އިއްޔެ "ހަވީރަ"ށް ވިދާވެފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބު ވަރަށް މުހިންމު ވާއިރު އޭނާގެ ތާއީދު ކޮންމެވެސް އެއް ކެންޑިޑޭޓަކަށް އޮތްކަން ހާމަކުރައްވާނެ ކަމަށެވެ. އެކަމަކު އެއްވެސް ޕާޓީއަކަށް ސޮއިކުރެއްވުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ