އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، އިއްތިހާދު ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އަދާލަތު ޕާޓީން މަޝްވަރާކޮށްފި އެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު "ހަވީރަ"ށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަނުކުރާތީ، އިންތިހާބު ކާމިޔާބުކުރެވޭނެ ފަދަ ބޮޑު ކޯލިޝަނަކުން ކެންޑިޑޭޓަކު ނެރުމަށް އިލްމުވެރިންގެ މަޖިލީހުން ނިންމައިފައިވާ ކަމަށެވެ. އެ ނިންމުމާ އެއްގޮތަށް، ޕީޕީއެމާއި ޑީއާރުޕީ އާއި ގައުމީ އިއްތިހާދާއި ޖުމްހޫރީ ޕާޓީގެ އިތުރުން ގައުމީ ޕާޓީއާ ވެސް ބައްދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީތަކާ އަދާލަތުން މިވަނީ ބައްދަލުކޮށްފައި. ފުރަތަމަ ބުރަށް މި ބައްދަލުކުރެވުނީ، ފުރަތަމަ ބުރުގައި ދެކެވުނު ވާހަކަތަކުގެ ނަތީޖާގެ މައްޗަށް ބިނާކޮށް، އަދި އިރާދަކުރެއްވިއްޔާ ދެ ވަނަ ބުރަކަށް ހުރިހާ ޕާޓީތަކާ ބައްދަލުކޮށް މަޝްވަރާކުރާނަން،" އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އެކުލަވާލާފައިވާ ހަތް މެމްބަރުންގެ ކޮމެޓީން ޕާޓީތަކާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާގެ ތަފްސީލެއް އިމްރާން ނުދެއްވި އެވެ. އޭނާ ވިދާޅުވީ އެ މަޝްވަރާގައި މިހާތަނަށް "ފޯމިއުލާއަކަށް އަދި އެއްބަސް ނުވެވުނަސް" ހުރިހާ ޕާޓީތަކާ އެކު ބޭއްވި ބައްދަލުވުންތައް ވެސް ކާމިޔާބު ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ ފުރަތަމަ ބުރުގައި ވެސް އެކަށީގެންވާ ވަރުގެ ބޮޑު ކޯލިޝަނަކަށް، އަޅުގަނޑުމެން އުއްމީދުކުރަން އިރާދަކުރެއްވިއްޔާ އެކަށީގެންވާ ވަރުގެ ކޯލިޝަނެއް ހެދިދާނެ ކަމަށް. ބޮޑު ކޯލިޝަނެއް ހެދިދާނެ ކަމުގެ ފޮނި އުއްމީދުގައި އަޅުގަނޑުމެން މިތިބީ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި އެންމެ ބަޔަކާ ގުޅުމަށް ވުރެ ބޮޑަށް އަދާލަތުން ބަލާނީ އިންތިހާބުގައި ހުރިހާ ޕާޓީކާ ވެސް ގުޅިގެން ކުރިއަށް ގެންދިއުމަށެވެ.
ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް އަދާލަތުން މަސައްކަތް ކުރަމުން އަންނައިރު، އިންތިހާބުގައި ވަކި ވަކި ޕާޓީތަކުން ކެންޑިޑޭޓުން އިއުލާންކޮށް މިހާރު ވަނީ ކެމްޕޭން ވެސް ފަށައިފަ އެވެ. އެގޮތުން ގައުމީ އިއްތިހާދު ޕާޓީން ރައީސް މުހައްމަދު ވަހީދާއި އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހީމާއި ޑީއާރުޕީން އަހުމަދު ތަސްމީންގެ އަލީ އިންތިހާބުގައި ވާދަކުރައްވާނެކަން ވަނީ އިއުލާންކުރައްވައިފަ އެވެ. މީގެއިތުރުން އިންތިހާބުގައި ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މި މަހު 30 ގައި ޕްރައިމަރީ ބާއްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ރިޔާސީ އިންތިހާބުގައި ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އަދާލަތުން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ