ރަވީނާ އެނބުރި އައިސް ކުޅުނު ފުރަތަމަ ފިލްމު ރިލީޒް ކުރުން ކޯޓުން ހުއްޓުވައިފި

ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ރަވީނާ ތަންޑުލް އިންޑަސްޓްރީ އާއި ދުރުގަ ހުރުމަށް ފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ ފިލްމު “މާތުރް” ރިލީޒް ކުރުން ބޮންބޭ ހައިކޯޓުން ހުއްޓުވައިފި އެވެ.
ރޭޕް ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމު ހުއްޓުވީ ފިލްމާ ގުޅޭ މައްސަލައެއްގައި ނޫނެވެ. ފިލްމު ރިލީޒްކުރުން ކޯޓުން ހުއްޓުވީ އެ ފިލްމުގެ ޑައިރެކްޓަރު އަންޖަމް ރިޒްވީ އާއި ގުޅޭ މައްސަލައެއްގައި އެވެ.
ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެކަމަކު ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ފިލްމު ރިލީޒް ކުރެވޭނީ ޑައިރެކްޓަރު އަންޖުމް މީގެ ކުރިން ތައްޔާރު ކުރި ފިލްމެއްގެ މަސައްކަތެއް  ކުރުވުމަށްފަހު ވައިޓީ ކިޔާ ކުންފުންޏަކަށް ދޭންޖެހޭ ފައިސާ ދައްކާ ހަލާސް ކުރުމުން ކަމަށެވެ.
“ކާތާ” ނަމަކަށް ކިޔާ އެ ފިލްމުގެ މަސައްކަތެއް ކުރުމަށް އެ ކުންފުންޏާއި އަންޖުމް ހަވާލު ކުރީ 2014 ވަނަ އަހަރު އެވެ. އެކަމަކު އެކި ސަބަބުތަކާއި ހެދި ފިލްމު ރިލީޒްކޮށްފައެއް ނުވެ އެވެ. ހައިކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ އެ ކުންފުންޏަށް ޑައިރެކްޓަރު އަންޖުން 2.44 ކްރޯޑް ރުޕީޒް ދައްކަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ކޯޓުން ވަނީ އަންޖަމް އުފައްދާފައިވާ އެއްވެސް ފިލްމެއްގެ ވިޔަފާރިކޮށް، އިތުރު ފިލްމެއް ހަދައިގެންވެސް ނުވާނެ ކަމަށް އަމުރުކޮށްފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކޯޓުން މިގޮތަށް އަމުރު ކުރީ އަންޖުމް އެ ކުންފުންޏާއި އެކު ހެދި އެގްރިމެންޓުގައި އެ ފައިސާ ދައްކާ ނިމެންދެއް އޭނާ ހަދާ ފިލްމުތަކުގެ ރައިޓްސް އެކުންފުންޏަށް އޮންނާނެ ކަމަށް ބުނެފައިވާތީ އެވެ.މި މައްސަލަ ވައިޓީ ކުންފުނިން ވަނީ 2015 ވަނަ އަހަރުވެސް ކޯޓަށް ވައްދާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ