ބަޣާވާތަކަށް ހިތްވަރު ދީގެން ވެސް މައުމޫން މީހުން ހައްޔަރުކުރި – އަދުރޭ

ބަޣާވާތް ކުރަން ހިތްވަރު ދީގެން ވެސް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި މީހުން ހައްޔަރުކުރި ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގައި ފާރިސް ހައްޔަރު ކުރުމާއި ގުޅޭ ގޮތުން "ޓީވީއެމް" ގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުލްރަހީމް ވިދާޅުވީ 1982 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރަން ހިތްވަރު ދީގެން އެތައް ބަޔަކު ހައްޔަރުކޮށްގެން އެތައް ބައެއްގެ މައްޗަށް ޝަރީޢަތް ހިންގާ ޖަލަށްލި ކަމަށެވެ.
"އޭރު ސުޕްރީމް ކޯޓަކީ ވެސް އެމަނިކުފާނު. ހުރިހާ ބާރެއް އޮތީ އެމަނިކުފާނުގެ އަތްޕުޅުގައި. ކީއްވެގެންތޯ އެހެން ހުރިހާ މައްސަލައެއްގައި މީހުން ދޫކޮށްލާއިރު އެމައްސަލައިގައި ބަޔަކު ޖަލަށްލީ." އަބްދުލްރަހީމް ވިދާޅުވިއެވެ.
"ވެރިކަން ކުރި ބޭފުޅަކު ކަމެއް ކުރީމާ ކުށްވެރިނުވެފައި އަޅުގަނޑު ފަދަ ނިކަމެއްޗެއް ކުށްވެރިވާނަމަ ކޮބައިތޯ އިންސާފު." އަބްދުލްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު މީ ހަމަހަމަކަން އޮތް ޒަމާނެއް ކަމަށާއި މިއީ އެމީހަކު ކުރާ މަސައްކަތަކުން ކުރިއަށް ދެވޭނެ ޒަމާނެއް ކަމަށެވެ.
"މަރުހޫމް ނައިފަރު ދޮހޮއްކޮ ހައްޔަރު ކުރީ ކީއްވެތޯ؟ މިނޫން ވެރިކަމެއް ދެކެން ބޭނުންވާ ކަމަށް ވިދާޅުވުމުން. އެގޮތައް މިސަރުކާރުން ކަމެއް ނުކުރާނެ. ރައީސް މައުމޫން (ވެރިކަން ވައްޓާލާނެ ކަމަށް) ވިދާޅުވުމުން ހައްޔަރު ކުރައްވަންވީނޫންތޯ. އެމްޑީޕީ ޕީޖީ ލީޑަރު (ވެރިކަން ވައްޓާލާނެ ކަމަށް) ވިދާޅުވުމުން ހައްޔަރު ކުރަންވަންވީނޫންތޯ. ނުކުރައްވައެއް ނޫންތޯ. މިސަރުކާރުން މީހަކު ޖަލަށް ލާނީ ކުށްވެރިވުމުން. ނުވަތަ ކުށެއް ކުރިކަމަށް ތުހުމަތު ކުރެވުމުން." އަބްދުލްރަހީމް ވިދާޅުވިއެވެ.
އަބްދުލްރަހީމް ވިދާޅުވީ ރައީސް ޔާމީން މަގާމުން ދުރުކުރަން ރައީސް މައުމުނާއި ރައީސް ނަޝީދާއި ގާސިމް އިބްރާހިމް މަސައްކަތް ކުރައްވަނީ ވެރިކަން ބޭނުންފުޅުވާތީ ކަމަށެވެ. އެއިން އެއްވެސް ބޭފުޅަކީ އެހެން އެއްވެސް ބޭފުޅަކަށް ވެރިކަން ދޫކޮށްލަން ބޭނުންފުޅުވާ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުލްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން ރައީސް މައުމޫން އުޅުއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ