މިއީ ސަރުކާރު އަޑީގައި އޮވެގެން ހިންގާ ޖަރީމާއެއް: ރައީސް މައުމޫން

ވިލާ ކުންފުނީގެ ރިސޯޓުތަކަށް ކުއްލިގޮތަކަށް ކަސްޓަމްސްގެ އޮފިސަރުންނާއި ފުލުހުން އަރާ ފާސް ކުރުމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ސިޔާސީ ގޮތުން އިތުރު ފިއްތުން ތަކެއް ކުރިމަތި ކުރުވުމުގެ ބޭނުމުގައި ސަރުކާރުން ހިންގާ ޖަރީމާ އެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމަށް ދެމުން ގެންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ ރައީސް މައުމޫންގެ އޮފީހުން މީގެ ކުޑައިރުކޮޅެއްގެ ކުރިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަކީ ރާއްޖެއަށް އެންމެ ފައިދާ ކުރާ ސިނާއަތު ކަމަށްވާއިރު، ސަރުކާރުގެ އަމަލުތަށް މިއަދު ހުރިގޮތުން އެސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެ ރިސޯޓު ތަކުގައި ތިބި ޓުއަރިސްޓުންނަށް ވަނީ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިކަމަށެވެ.
ސިޔާސީ ބޭނުމަކަށް މިގޮތަށް ރިސޯޓު ތަކަށް ފުލުހުން އެރުމަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް އަށް ދެވޭ އެންމެ ބޮޑު އެއް ގެއްލުންަމަށާ މިކަމުގެ ސަބަބުން ރިސޯޓު ތަކުގައި އުޅޭ ޓޫރިސްޓުންނަށް ބިރުވެރި ކަމާއި ކުރިމަތި ލާން ޖެހުމަކީ ހިތާމަ ކުރާ ކަމެއްކަމަށްވެސް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިސަރުކާރުގެ ސިޔާސަތު ތަކަށް ފާޅުގައި ފާޑު ވިދާޅުވަން ފެއްޓެވުމާއެކު އެމަނިކުފާނަށް ސިޔާސީ ގޮތުން ފިއްތުން ތައް ކުރިމަތިކޮށް، އެމަނިކުފާނުގެ ވިޔަފާރިތަކަށް ސަރުކާރުން ސިދާ ގޮތެއްގައި ގެއްލުންތައް ދެމުން ގެންދާކަމީ މިއަދު ދިވެހި ރައްޔިތުން ގަބޫލުކުރާ ހަގީގަތެއްކަމަށްވެސް މައުމޫންގެ ބަޔާނުގައި ވިދާޅުވިއެވެ.
"އެގޮތުން އެމަނިކުފާނުގެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށް ރިސޯޓު ތަރައްގީ ކުރުމަށް ދީވަފައިވާ ރަށްތައް އަތުލައި، ވިލާ ކުންފުނީގެ ދަށުން ހިންގަމުންދިޔަ އެއާރޕޯޓު އަތުލައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ގައިރު ގާނޫނީ ޖަލު ހުކުމެއްކޮށް، އެތައް އަނިޔާތަކެއް ދެމުން ގެންދަވާތީ އެކަމުން ހާމަވަނީ މިސަރުކާރުގެ އަނިޔާވެރިކަމެވެ. އަދި މިކަންކަމުގެ ސަބަބުން ދިވެހި އެތައް ރައްޔިތުން ނަކަށް އަނިޔާ ލިބެމުންދާ ކަމީ ހިތާމަ ހުރި ކަމެކެވެ." މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫންގެ ބަޔާން ނިންމަވާލައްވަމުން ސަރުކާރުން ގާސިމް އިބްރާހިމަށް ދެމުން ގެންދާ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ އެމަނިކުފާނަށް ދެމުން ގެންދާ އެންމެހާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލައި އެމަނިކުފާނަށް ކޮށްފައިވާ ގައިރު ގާނޫނީ ހުކުމުން މިންޖުކޮށް އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ