ފަތުރުވެރިންގެ ހަމަލާއާ ގުޅިގެން ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ޓުއަރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލު ކޮށްފި

ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ތިން ބިދޭސީއަކަށް ދިން ހަމަލާ ގުޅިގެން ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވަނީ ބައިވެރިވެފަ އެވެ.
ބައްދަލުވުމުގައި، އެން.އެން.ސީ. ގެ ފަރާތުން، ޓުއަރިޒަމްދާއިރާގެ އިސް ފަރާތްތަކަކަށް ވަނީ މި ހަރުކަށި އަމަލާ ގުޅިގެން ދިވެހި މުޖްތަމައު އާއި އިގްތިސާދަށް އޮތް ނުރައްކާތެރިކަން ފާހަގަކުރައްވާ މިކަމުގައި ދުރާލާ ފިވަޅުތަކެއް އަޅާނެކަމަށް ވިދާޅުވެފަ އެވެ. އަދި މިފަދަ އަމަލުތައް ހުއްޓުވުމުގައި ދޫ ނުދީ ކުރިޔަށްދާނެ ކަމުގެ ޔަގީންކަން ފަތުރުވެރިކަމުގެދާއިރާގެ ފަރާތްތަކަށް ދެއްވާފަ އެވެ.
މީގެ އިތުރުން މި ހަރުކަށި ހަމަލާއާ ގުޅިގެން ސަލާމަތީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތުތައް ވެސް ޓުއަރިޒަމް ދާއިރާގެ އިސްފަރާތްތަކާ އެން.އެން.ސީ އިން މި ބައްދަލުވުމުގައި ހިއްސާ ކުރި އެވެ. އަދި މިކަމުގައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ