"މައުމޫނާއި ދެ ފަނޑިޔާރުންނަށް ކުރެވުނީ އެއް ތުހުމަތެއް، އަބްދުﷲ ސައީދަށް ވެސް އިންސާފު ލިބެން ޖެހޭ"

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދަށް ވެސް ކުރެވުނީ އެއް ތުހުމަތެއް ކަމަށާއި އަބްދުﷲ ސައީދަށް ވެސް އިންސާފު ލިބެން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްސަލަ ރިވިއުކޮށްދިނުމަށް ހައި ކޯޓަށް ގޮވާލައިފައެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސް މައުމޫނާއި އަލީ ހަމީދާ އެއް ތުހުމަތެއްގައި ޖަލަށްލީ ނަމަވެސް، ހައި ކޯޓުން އަދިވެސް އަބްދުﷲ ސައީދަށް އިންސާފު ހޯދައިދީފައިނުވާ ކަމަށެވެ.
ރައީސް މައުމޫނަށް އިއްވާފައިވާ އެއް އަހަރާއި ހަތް މަހާއި ހަތް ދުވަހުގެ ޖަލު ހުކުމް، އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ހައި ކޯޓުން ވަނީ ބާތިލްކޮށްފައެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލީ، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން ނުދެއްވި މައްސަލައިގައެވެ. އެ މައްސަލައިގައި ދައުލަތުން ރައީސް މައުމޫނުގެ މައްޗަށް ދައުވާ ކުރީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުއްވި ކަމަށް ބުނެއެވެ.
އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. ހައި ކޯޓުން ބާތިލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުއްވި އަމުރާ ގުޅިގެން، އަލީ ހަމީދު ހައްޔަރުކޮށް ފުލުހުންގެ ތަހުގީގަށް ފޯން ދިނުމަށް އެދުމުން އެކަމަށް ދެކޮޅު ހެދުމުން ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އަބްދުﷲ ސައީދު އެންގެވި މައްސަލައިގައި އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިމަހުގެ އަށްވަނަ ދުވަހު ހުކުމްކޮށްފައިވާ އިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާގައި އަބްދުﷲ ސައީދާއި އަލީ ހަމީދު، އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމެއް އައިސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ