32 ބޭފުޅަކަށް މައުމޫން ތާއީދު ކުރައްވަން ނިންމަވައިފި

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު 32 ބޭފުޅަކަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ. ރައީސް މައުމޫންގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ޝައުގުުވެރިވާ ފަރާތްތަކަށް ހުޅުވާލުމުން 108 ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ރައީސް މައުމޫން ނިސްބަތްވާ މައުމޫން ރީފޯމް މޫވްމްންޓް (އެމްއާރުއެމް)ގައި އިސްކޮށްހަރަކާތްތެރިވާ، އަބުދުލް އަލީމް މިއަދު "ސަން" އަށް ވިދާޅުވީ، މިހާތަނަށް 32 ދާއިރާ އަކަށް ކުރިމަތިލާ ކެންޑިޑޭޓުން ޔަގީންވެފައިވާ ކަމަށާއި އެ އަދަދު އެއަށް ވުރެ ވެސް އިތުރު ވެދާނެ ކަމަށެވެ. އަދި އިތުރަށް ވާދަކުރައްވާނެ ދާއިރާތަކާއި ކެންޑީޑޭޓުން މިރޭ އެނގިގެން ދާނެ ކަމަށް އަލީމް ވިދާޅުވި އެެވެ. "ރައީސް މައުމޫން ތާއީދު ކުރައްވާ 32 ކެންޑިޑޭޓުންނަށް އެކަން އަންގަވަމުން މިހާރު އަންނަނީ. ސީދާ އަދަދު މިރޭ ފައިނަލްވާނެ،" އަލީމް ވިދާޅުވީ ފައިނަލް ލިސްޓް މާދަމާ އާންމު ކުރައްވާނެ ކަމަށެވެ. އަލީމް ވިދާޅުވީ، މައުމޫން ތާއީދާ އެކު ކުރިމަތިލައްވާ ބޭފުޅުން ކުރިމަތިލާނީ އެއްވެސް ސިޔާސީ ޕާޓީއަކުން ނޫން ކަމަށާއި އެބޭފުޅުން ކުރިމަތިލައްވާނީ އަމިއްލަ ގޮތުން ކަމަށެވެ. އަދި ގޮނޑި ގެއްލުނު ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެމަބަރުންގެ ދާއިރާތަކަށް ކެންޑިޑޭޓުން މައުމޫންގެ ފާރާތުން ނުނެރޭނެ ކަމަށާއި އެ ދާއިރާތަކަށް މައުމޫން ތާއީދު ކުރައްވާނީ އެ 12 ކެންޑިޑޭޓުންނަށް ކަމަށް އަލީމް ވިދާޅުވި އެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން މަޖިލިސް އިންތިހާބުގައި 86 ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ޓިކެޓް ދީފައިވާ އިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އިން މިހާތަނަށް 36 ބޭފުޅަކަށް ވަނީ ޓިކެޓް ދީފަ އެވެ. އަދާލަތު ޕާޓީން 13 ދާއިރާ އަކަށް ކުރިމަތިލުމަށް ވަނީ ނިންމައިފަ އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ގުޅިގެން ވާދަކުރަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއްބަސްވުމެއް އެކުލަވާލި އެވެ. ނަމަވެސް މަޖިލިސް އިންތިހާބުގައި ކޯލިޝަން ބައިވެރިންގެ މެދުގައި ދާއިރާތައް ބަހާނެ ގޮތަކާ މެދު އެއްބަސް ނުވެވި، ތިން ލީޑަރުން ނިސްބަތްވާ ތިން ޕާޓީ އާއި ރައީސް މައުމޫންގެ ތާއީދާ އެކު ނިކުންނަ ބޭފުޅުން ވާދަ ކުރައްވަނީ ވަކި ވަކިންނެވެ. އިދިކޮޅު ކޯލީޝަން، ޕީޕީއެމް އައި ކޮންގްރެސް ޕާޓީގެ ފަރާތުން މިހާތަނަށް 63 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ވަނީ ޓިކެޓް ދީފަ އެވެ. މަޖިލިސް އިންހާބަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފައި ވަނީ މިމަހު 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ