މައިކްރޮ އެސްޑީ ކާޑުގެ ބަދަލުގައި ނެނޯ މެމޮރީ ކާޑު

މައިކްރޮ އެސްޑީ ކާޑަކަށް ވުރެ ނެނޯ މެމޮރީ ކާޑު 45 ޕަސެންޓް ކުޑަ އެވެ. ބަލާބެލުމަށް ހީވަނީ ނެނޯ ސިމް ކާޑެއްހެންނެވެ. މިއީ ކުށްހީއެއް ވެސް ނޫނެވެ. ނެނޯ މެމޮރީ ކާޑު ފޯނަށް ލައްވަން ބޭނުންކުރަނީ ނެނޯ ސިމް ކާޑް ޓްރޭ އެވެ.
މައިކްރޮ އެސްޑީ ކާޑަށް ވަކި ސްލޮޓެއް ޚާއްސަކުރަންޖެހޭ ބީދައިން، ނެނޯ މެމޮރީ ކާޑަށް ވަކި ސްލޮޓެއް ބޭނުމެއް ނުވެ އެވެ. ޒަމާނީ ޑުއަލް ސިމް ކޮންމެ ފޯނެއްގައި، ނެނޯ ސިމް ކާޑު ބޭނުންކުރެވިދާނެ ކަމެވެ. ނަމަަވެސް، މިހާރު މާކެޓްގައި ހުރި ފޯނުތައް، ނެނޯ މެމޮރީ ކާޑު ސަޕޯޓްކުރާނެ ކަމެއް އަދި ސޮފްޓްވެއާ އަޕްޑޭޓަކުން އެކަން ކުރެވިދާނެ ކަމެއް ވެސް ނޭނގެ އެވެ. ނެނޯ މެމޮރީ ކާޑަކީ، ކުންފުނިތަކަށް ބަލައިގަންނަން ފަސޭހަ ޓެކްނޮލޮޖީއަކަށް ވާނެ ކަމަށް ބުނަން ކެރެ އެވެ.
ނެނޯ މޮމޮރީ ކާޑަކީ ވާވޭ ޓެޗްނޮލޮޖީޒްގެ އުފެއްދުމެކެވެ. ތައާރުފުކުރީ ދާދި މިދާކަށް ދުވަހު އެވެ. ވާވޭ މޭޓް 20 އަދި މޭޓް 20 ޕްރޮ އާންމުކޮށް ދައްކާލަން ބޭއްވި ހަފުލާގަ އެވެ. މި ދެ ފޯނު އުފައްދާފައި ވަނީ ނެނޯ މެމޮރީ ކާޑު ބަލައިގަންނަ ގޮތަށެވެ. މި ފޯނުތަކުގައި މައިކްރޮ އެސްޑީ ކާޑް ސްލޮޓެއް ނެތެވެ.
ވާވޭ އިން މައިކްރޮ އެސްޑީ ކާޑު ދޫކޮށް މިހާ ބޮޑު ބަދަލަކަށް އަމާޒުހިފި ބޭނުމެއް ނޭގެ އެވެ. އެކަމަކު ވެސް، ގަބޫލުކުރަން ފަސޭހަ ގޮތަކީ، މައިކްރޮ އެސްޑީ ކާޑަކީ ޒަމާން ދާން ޖެހިފައިވާ ޓެކްނޮލޮޖީއެއް ކަމެވެ.
މައިކްރޮ އެސްޑީ ކާޑަށް ވުރެ، ނެނޯ މެމޮރީ ކާޑު ކުޑަވުމަކީ ވެސް ބޮޑު ފައިދާއެކެވެ. ސްމާޓްފޯނުތައް، ލުއިކޮށް އަދި އެހައި ތުނިކޮށް އުފައްދަން ކޮންމެ ކުންފުންޏަކުން އެދޭއިރު، ތިނޯހުގެ ފަގަ އަކީ ވެސް ބޮޑު ޖާގައެކެވެ. އެ ގޮތުގައި، މައިކްރޮ އެސްޑީ ކާޑުން ބާކީކުރެވޭ ތަނުގައި އާ ޓެކްނޮލޮޖީ ހިމެނިދާނެ އެވެ. އެހެންކަމުން، މިއީ ނެނޯ މެމޮރީ ކާޑަށް ތަން ދައްކައްކަން ވީ ވަގުތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ