ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ، ރައީސް ހުޅުއްވައިދެއްވައިފި

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ސްކޫލް، ހުރަވީ ސްކޫލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ހުޅުމާލޭގައި އެންމެ ކުރިން އާބާދުވި ސަރަހައްދު (ނެއިބަހުޑް 1) ގައި ހަދާފައިވާ އެ ސްކޫލަކީ އަމިން ކޮންސްޓްރަކްޝަނާ 132 މިލިއަން ރުފިޔާ އަށް ހަވާލުކޮށްގެން އިމާރާތްކުރި ސްކޫލެކެވެ.
އެ ސްކޫލުގައި ހަތް ބުރީގެ ތިން ބުލޮކް ހިމެނޭއިރު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލުގެ ހުރިހާ ބުރިއަކަށް އެރޭނެ ގޮތަށް އިމާރާތުގެ މެދުގައި ރޭމްޕެއް ވަނީ ހަދައިފައެވެ.
ޖުމްލަ 1450 ދަރިވަރުންނަށް އެއް ފަހަރާ ކިޔަވައިދެވޭނެ ޖާގަ ތަނަވަސް އެ ސްކޫލުގައި 54 ކުލާސްރޫމް ހުންނައިރު އޭގެ ތެރެއިން ދެ ކުލާސް ރޫމް ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ.
އަދި އެކި މަސައްކަތް ދަސްކޮށްދޭ ހާއްސަ ދެ ކުލާސް ރޫމެއް ވެސް ހިމެނެއެވެ.
ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ސްކޫލުގައި މިއަދު ކިޔަވައިދޭން ފަށާފައިވަނީ 780 ދަރިވަރުންނާއެކުއެވެ. ނަމަވެސް އެއީ ޕްރީ ސްކޫލުން ފެށިގެން ގުރޭޑް ނުވަޔަކާ ހަމައަށެވެ.
ގުރޭޑް 10 އިން ފެށިގެން ގުރޭޑް 12 އުފައްދައި، އޭ ލެވެލްއާ ހަމައަށް އެ ސްކޫލުގައި ކިޔަވައިދޭން ފަށާނީ އަންނަ އަހަރުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ