އެންމެ ބޮޑު ސްކޫލް "ހުރަވީ" ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

ރާއްޖޭގައި ހުރި އެންމެ ބޮޑު ސްކޫލް ކަމުގައިވާ ހުރަވީ ސްކޫލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.
ހުރަވީ ސްކޫލް ރަސްމީކޮށް ހުޅުވައި ކިޔަވައިދޭން ފެށުމަށް އެސްކޫލްގައި މިހާރު ކުރިއަށްދާ ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙްވަނީ އެ ސްކޫލްގެ ނަން ބޯޑުގެ ފަރުދާ ކައްސަވައިދެއްވައި، ސްކޫލް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއާއި ސަރުކާރުގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ހުޅުމާލޭ ނޭބަރހުޑް އެކެއްގައި ތަރައްޤީކޮށްފައިވާ ހުރަވީ ސްކޫލަކީ 50 ކުލާސްރޫމްގެ ސްކޫލެއެކެވެ. 2019 ވަނަ އަހަަރުގެ ދިރާސީ އައު އަހަރާއިއެކު ހުރަވީ ސްކޫލްގެ ކިޔެވުން ފަށާފައިވާއިރު، އެ ސްކޫލްގައި 700 ދަރިވަރުން ކިޔަވާނެއެވެ. މި ސްކޫލަކީ 1400 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލް ތަރައްޤީކޮށްފައިވަނީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކުއެވެ. ހުރަވީ ސްކޫލުގައި އެލްކޭޖީން ފެށިގެން ގްރޭޑް 9 އަކާ ހަމައަށް ކިޔަވައިދޭނެއެވެ. އަދި އަންނަ އަހަރު އެ ސްކޫލްގައި ގްރޭޑް 10 އަކަށް ކިޔަވައިދޭން ފެށުމަށް ހަމަޖެހިފަިއވާއިރު، އަންނަ މަހު އޭލެވެލްއަށް ވަނުމުގެ ފުރުސަތުވެސް ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ.
ހުރަވީ ސްކޫލުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ކިޔަވައިދެއެވެ. 7 ފަންގިފިލާގެ މި ސްކޫލް ފަރުމާކޮށްފައިވަނީވެސް އެފަދަ ކުދިންނަށް ފަސޭހައިން ބޭނުންކުރެވޭގޮތަށެވެ.
ހުރަވީ ސްކޫލްގެ ކިޔެވުން މިއަދު ފަށާފައިވާއިރު ސުކޫލްކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް އެސްކޫލްގައިވަނީ ފަށާފައެވެ. އަދި ހުރަވީ ސްކޫލްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ