ނަހަލާލު ފައިސާ، އަމިއްލަ ގެޔަށް ވެއްދިކަމަށް ސަރުކާރުގެ އެއްވެސް މުވައްޒަފަކު ބުނެފައިވާނަމަ އެފަދަ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި، އެފަދަ ކަންކަމުގައި މަޢާފު ދިނުމަށް އިސްލާމްދީން ބާރު ނާޅާކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޝައިޚް ޒައިދު ވިދާޅުވީ، ނަހަލާލު ފައިސާ ގެޔަށް ވެއްދިކަމަށް ސަރުކާރުގެ އެއްވެސް މުވައްޒަފަކު ބުނެފައިވާނަމަ އެއީ އެމީހެއްގެ އަމިއްލަ އިއުތިރާފެއް ކަމަށެވެ. އެފަދަ މީހުންނަށް މަޢާފު ދިނުމަށް އިސްލާމްދީން ބާރު ނާޅަނީ، އެކަމުން ގެއްލެނީ ރައްޔިތުންގެ ހައްޤު ކަމަށްވާތީ ކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.
"ނަހަލާލު ފައިސާ އަމިއްލަ ގެޔަށް ވެއްދިކަމަށް ސަރުކާރުގ އެއްވެސް މުވައްޒަފަކު ބުނެފައިވާނަމަ އެއީ އެމީހެއްގެ އަމިއްލަ އިއުތިރާފެއް! އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭނެ! އެފަދަ ކަންކަމުގައި މަޢާފު ދިނުމަކަށް އިސްލާމްދީން ބާރެއް ނާޅާ. ގެއްލެނީ ރައްޔިތުންގެ ހައްޤު ކަމަށް ވާތީވެ!" ޝައީކް ޒައިދުގެ ޓްވީޓުގައި ވެއެވެ.
ޝައިޚް ޒައިދު މިގޮތަށް ވިދާޅުވެފައި މިވަނީ، ނިމިދިޔަ އިންތިޚާބުގެ ނަތީޖާއިން އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބުމާއި އެކު ސަރުކާރުގެ އެކި ބޭފުޅުންނާއި ދެކޮޅަށް މައްސަލަތައް ބަލާނެކަމަށް އެފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ ބައެއް އިސް މަޤާމުތަކުގައި ތިބި ބޭފުޅުންނާއި ދެކޮޅަށް ހިޔާނާތާއި ގުޅުންހުރި ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.
ނަހަލާލު ފައިސާ ގެޔަށް ވެއްދުންފަދަ މައްސަލަތަކުގައި މަޢާފު ދިނުމަށް އިސްލާމްދީން ބާރު ނާޅާކަމަށް ޝައިޚް ޒައިދު މިއަދު ވިދާޅުވިއިރު، މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ، ބައެއް ހާލަތްތަކުގައި އަނިޔާވެރިންނަށް މަޢާފު ދިނުމަށްވުރެ ހައްޤު އަދަބު ދިނުން މާ މަސްލަޙަތު ބޮޑު ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ އެއްވެސް މީހަކު ފިލައިގެން ދިއުމުގެ ފުރުސަތު ނުދިނުމަށް އެމްއެންޑީއެފް އާއި ފުލުހުންނަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
"ނަހަލާލު ފައިސާ ގެޔަށް ވެއްދުން ފަދަ މައްސަލަތަކުގައި މަޢާފު ދިނުމަށް އިސްލާމްދީން ބާރެއް ނާޅާ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ